އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ)ގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު ގައުމީ މަޖިލީހަށް މިއަދު ވަނީ ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިރޭ ވަނީ، އެ މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން ގައުމީ މަޖިލީހުގެ މެންބަރުންނަށް އަންގައިފައެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާ ވަގުތެއް އަދި ނިންމައިފައެއް ނުވެއެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ގަފޫރު ދުރުކުރުމުގެ މަސައްކަތް ފެށުނީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމުމުންނެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މީގެ ކުރިން ގަފޫރު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، "އިސްތިއުފާއެއް ނުދޭނަން، ވޯޓު ނަންގަވާ" ކަމަށެވެ.
އޭގެ ފަހުން އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް މިއަދު ފޮނުއްވި ވީޑިއޯ މެސެޖެއްގައި ގަފޫރު ވަނީ، ލޯކަލް ކައުންސިލު އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގެ ކުރިން ހިނގައިދިޔަ ކަންކަން ސާފުކޮށްދެއްވައިފައެވެ.
އެގޮތުން އެ ޖަލްސާގައި ވާހަކަދައްކަވަން ހަމަޖެހިފައިވަނީ، އެމްޑީޕީގެ ރައީސާއި ފަސް މޭޔަރުންނާއި ޑަބްލިޔުޑީސީގެ ފަސް ރައީސާއިންގެ އިތުރުން ރެފެރެންޑަމް ކޮމިޓީގެ ޗެއާ އާއި އިލެކްޝަން ކޮމިޓީގެ ޗެއާގެ ގޮތުގައި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ކަމަށް ގަފޫރު ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ އެޖެންޑާ ފައިނަލް ކޮށްފައި ވަނިކޮށް، ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ދުވަހުގެ ރޭ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅުއްވާފައި ވާހަކަދެއްކެވުމުން ފުރުސަތުދިނުމަށް އެންގެވި ކަމަށާއި ނަމަވެސް އެއީ އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށް އެބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ނަޝީދުގެ ފޯނުކޯލު ނުބޭއްވެނީސް ޖަލްސާ ބޮއިކޮޓްކުރި ކަމަށް ހެޑްލައިންތަކަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނުފޫޒު ބޭނުންކޮށްގެން ކުރެއްވި ކަމެއް ފެންނަން ނެތް ކަމަށާއި ޖެހިގެން އައި ދުވަހު ވެސް އިތުރު ޖަލްސާއެއް ބާއްވައިގެން ހުރިހާ ބޭފުޅުންނަށް ވާހަކަދެއްކެވުމުގެ ފުރުސަތުދެވެން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ ވެގެން މިއުޅޭ ގޮތަކީ ވޭތުވެދިޔަ ތިން އިންތިހާބުން ފެއިލްވީ. ހަތަރު ބައި އިލެކްޝަނުން ފެއިލްވީ. ޕާޓީ މަގުމަތިވި ދުވަހު އަޅުގަނޑު ތެދުވެ ޕާޓީ ނަގައި ކޮޅަށް ޖެހީ. އެކަން ދަންނާނެ މިތާ މިއުޅޭ އެންމެން ވެސް. މިއަދު ޕާޓީއަށް ކާމިޔާބު ލިބުނީމާ، އެ ކްރެޑިޓް އަޅުގަނޑަށް ދޭށެކޭ ނުބުނަމޭ. ޕާޓީގެ ދާއިރާތަކުގެ އެންމެން ކުރި މަސައްކަތް މިއީ. އެ ހަގީގަތް މިއަދު ގަބޫލުކުރަން ޖެހޭނެ. އެހެންވީމާ މިއަދު އަޅުގަނޑު ކަތިލުމަކުން އަދި މިކަމެއް ފުރިހަމަވެގެންނެއް ނުދޭ. މިއަދު އެ ކަތިލަނީ އެމްޑީޕީ، ޕާޓީއަށް ނިކަމެތިވާ ވަގުތު ކާކު މި ޕާޓީއާ ހަވާލުވާން ހުރީ،" އޭނާ ވިދާޅުވިއެވެ.
އެ މައްސަލަތަކުގެ ތެރެއިން ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ހެޑް އަހުމަދު މައުރޫފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
އެމްޑީޕީގެ ތެރޭގައި ގިނަ ފެކްޝަންތަކެއް އުފެދިފައިވާ އިރު، އެންމެ ބޮޑު ދެ ފެކްޝަނަކަށް އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ