އަންގާރަދުވަހުގެ ރެޔަކީ އީރާނު މުޅިން ސުންނާފަތިކޮށް ހިލައިގެ ޒަމާނަށް ފޮނުވައިލާނެ ރޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާންކޮށްފައިވަނިކޮށް ދުނިޔެއަށް ފެނިގެންދިޔައީ މުޅިން އެހެން މަންޒަރެކެވެ. އިވިގެންދިޔައީ އަދި އެހެންކަހަލަ އަޑެކެވެ. އީރާނާ ދެކޮޅަށް ހިންގަމުން ގެންދާ ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑައިލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެއްބަސްވީއެވެ. އެކަމުގެ ބަދަލުގައި އީރާނުންވެސް ހޮރުމުޒް ކަނޑުއޮޅި ދެހަފުތާގެ މުއްދަތަކަށް ހުޅުވައިލަން އެއްބަސްވީއެވެ. އެކަމަކު އީރާނުގެ އަސްކަރިއްޔާއިން އެކުލަވައިލާ އުސޫލުތަކަކާއި ޝަރުތުތަކެއްގެ ތެރެއިންނެވެ. ހަނގުރާމަޔަށް ދެހަފުތާގެ މެދުކެނޑުމެއް ގެނައުން ލާޒިމުވަނީ މުޅި މެދުއިރުމަތީގައެވެ. ލުބުނާނާއި ޔަމަނުވެސް ހިމެނޭގޮތުންނެވެ. އީރާނަށް ހަމަލަދިނުން ހުއްޓާލުމަށް ޓްރަމްޕު ވެފައިވާ ވައުދަށް އިޒްރޭލުން އިހުތިރާމް ކުރާނޭ ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ބުނެފައެވެ. އެކަމަކު އޭގެތެރޭގައި ލުބުނާނު ނުހިމަނާނެ ކަމަށް ނަތަންޔާހޫ ބުނެއެވެ.

ހަނގުރާމަ ހުއްޓާލަން އެމެރިކާޔާއި އީރާނުން އެއްބަސްވީ ވަގުތީގޮތުން ދެހަފުތާގެ މުއްދަތަކަށް ކަމުގައިވިޔަސް މި އެއްބަސްވުމަށް ވަގުތުން ވަނީ އަމަލުކުރަން ފަށައިފައެވެ. އަންގާރަ ދުވަހުގެ ރެއިން ފެށިގެން އީރާނަށް ބޮންއެޅުން ވަނީ މެދުކެނޑިފައެވެ. އީރާނުން އިޒްރޭލަށް ފޮނުވާ މިސައިލްތަކާއި ގަލްފުގެ އަރަބި ގައުމުތަކުގައިވާ އެމެރިކާގެ މަސްލަހަތު އޮންނަ ތަންތަނަށް ދެމުންއައި މިސައިލާއި ޑްރޯން ހަމަލާތައްވެސް ވަނީ މެދުކެނޑިފައެވެ. ހަނގުރާމައިގެ މައިދާން ވަނީ ހިމޭންވެފައެވެ. ހޮރުމުޒް ކަނޑުއޮޅިން ވަދެނިކުމެވާ އާގުބޯޓުފަހަރުގެ ހަރަކާތްތައް ވަނީ ފެށިފައެވެ. އެކަމަކު އަދިވެސް އެއް މައްސަލަ އެބައޮތެވެ. ލުބުނާނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކެއް ނުހުއްޓެއެވެ. އެ ހަމަލާތައް ނުހުއްޓޭކަމަށް ވަންޏާ ބޮޑު މަންޒަރު އަނެއްކާވެސް ބަދަލުވެގެން ފުރޮޅިގެން ދިއުމުގެ ނުރައްކާ އެބައޮތެވެ. އެހެނީ ހަމަލާތަކަށް ނިމުން ގެނައުމުގެ ޝަރުތުތަކުގެ ތެރޭގައި އީރާނުން ވަނީ ލުބުނާންވެސް ހިމަނައިފައެވެ. މި އެއްބަސްވުން ގާއިމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުންވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.

އެހެންވީމާ ރައީސް ޓްރަމްޕަށް ދެންއޮތީ އިޒްރޭލުގެ ނަތަންޔާހޫ މައިތިރިކުރުމެވެ. ލުބުނާނާ ދެކޮޅު އުދުވާންތައް ހިންގުން ހުއްޓައިލުމަށް މަޖުބޫރު ކުރުމެވެ. ލުބުނާނު ނުހިމަނާނެ ކަމަށާއި ލުބުނާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ހިންގާނެ ކަމަށް ނަތަންޔާހޫ ބުނާ ބުނުން ބާތިލުކުރުމުގެ ބާރުއޮތީ ޓްރަމްޕަށެވެ. ކޮންމެއަކަސް އެމެރިކާޔާއި އީރާނުން އަންނަ ހުކުރުދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ދާއިމީ ސުލްހައެެއް ގާއިމު ކުރުމުގެ މަޝްވަރާތައް ފަށާއިރު މި މަޝްވަރާތައް ބިނާކުރެވޭނީ އީރާނުން ހުށައަޅައި އެމެރިކާއިން އެއްބަސްވެފައިވާ ދިހަ ނުގުތާއެއްގެ މައްޗަށެވެ. މިދެންނެވި ދިހަ ނުގުތާއަކީ އަންނަނިވި ކަންކަން ބަޔާންކުރާ ނުގުތާތަކެކެވެ. އީރާނުން ނިއުކުލިއަރ ބޮން ނުއުފައްދާނެކަމުގެ ޔަގީންކަން ދިނުމާއި އީރާނާއި އެގައުމުގެ ތާއީދު ލިބިފައިވާ ޖަމާއަތްތަކާ ދެކޮޅަށް ހިންގާ އުދުވާންތައް ދާއިމަށް ހުއްޓާލުމެވެ. ގަލްފުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ލަޝްކަރުތައް އެތަންތަނުން ބޭލުމެވެ.

މީގެ އިތުރަށް އީރާނުގެ އަވަށްޓެރި ގައުމެއްގެ ސަރަހައްދު ބޭނުންކޮށްގެން އެއްވެސް ބާވަތެެއްގެ ހަމަލައެއް އީރާނަށް ދިނުން މުޅިން މަނާވުމެވެ. އީރާނުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދެ ހަފުތާޔަށް ހުޅުވައިލުމެވެ. އީރާނާ ދެކޮޅަށް އދ. ގެ ގަރާރުތަކުގެ ދަށުން އެޅިފައިވާ ދަތިކުރުމުގެ އެންމެހައި ފިޔަވަޅުތައް އުވައިލުމެވެ. ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބުނު ގެެއްލުންތަކުގެ ބަދަލު ދިނުމަށް ބައިނަލްއަގުވާމީ އިންވެސްޓްމެންޓް ފަންޑެއް ގާއިމު ކުރުމެވެ. ޔުރޭނިއަމް ފައްކާކުރުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށް އެމެރިކާއިން ގަބޫލުކުރުމާއެކު ފައްކާކުރެވޭނޭ މިންވަރު ކަނޑައެޅުމަށް މަޝްވަރާގެ އުސޫލު ބޭނުންކުރުމެވެ. އަވަށްޓެރި ގައުމުތަކާއެކު ސުލްހައިގެ އެއްބަސްވުންތައް ގާއިމުކުރުމުގެ އިޚުތިޔާރު އީރާނަށް ލިބިގެންވުމެވެ. ލުބުނާނުގެ ހިޒްބު ﷲ އާއި ޔަމަނުގެ ހޫސީން އަދި ފަލަސްތީނުގެ ހަމާސް ކަހަލަ އީރާނުގެ ރަހުމަތްތެރި ޖަމާއަތްތަކާ ދެކޮޅަށް ހަމަލަ ނުދިނުމެވެ.

މިދެންނެވި އެންމެހައި ކަންކަން އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރެެއް ނުވަތަ ގަރާރުތަކެއްގައި ހިމަނައި ފާސްކޮށް ގާނޫނީގޮތުން ބާރުދިނުމެވެ. މިއީ އީރާނުން ހުށައަޅައި އެމެރިކާގެ ރައީސް ޓްރަމްޕު އެއްބަސްވެފައިވާ ކަންކަމެވެ. މިހިރީ ހައްތާވެސް އިރާނުގެ ޝަރުތުތަކެވެ. މިކަންކަން ހަގީގަތަކަށް ވެދާނެކަން ނުވަތަ ނޫންކަން އެނގޭނީ އިސްލާމްއާބާދުގައި ހުކުރުދުވަހު ފެށޭ މަޝްވަރާތައް ނިމޭގޮތަކުންނެވެ. މި މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރާނޭ ކަމަށް ބެލެވެނީ ނާއިބުރައީސް ޖޭޑީ ވޭންސެވެ. އޭނާއަކީ އީރާނުން ހިސާބަކަށް ރުހޭ މީހެކެވެ. މިހާތަނަށް މަންދޫބުންގެ ގޮތުގައި ތިބި ސްޓީވް ވިޓްކޯފާއި ޖަރެޑް ކުޝްނާރއަކީ އީރާނުން ރުހޭ ބައެއް ނޫނެވެ. އެމީހުންނާއެކު މަޝްވަރާގެ މޭޒުދޮށުގައި އިށީންނާކަށް އީރާނު އެއްބަހެއްވެސް ނޫނެވެ. ހަނގުރާމަ މެދުކަނޑައިލަން އެއްބަސްވެވުނީ އިރާނުގެ ޝަރުތުތަކުގެ މައްޗަށް ކަމުގައިވާތީ މިކަމުގައިވެސް އޮންނާނީ އީރާނުން ބޭނުންވާގޮތް ކަމަށް ބެލެވެއެވެ. ހީކުރެވެއެވެ.

ހަނގުރާމަ މެދުކަނޑައިލިކަން އިއުލާން ކުރެވުމާއެކު އީރާނާއި އިރާގުގައި ވަނީ އުފާފާޅު ކުރަން ފެށިފައެވެ. އީރާނުން ބުނަނީ މިއީ އީރާނުގެ ރައްޔިތުންގެ ނުގުޑާފަދަ ހިތްވަރާއި ކެތްތެރިކަމުގެ ނަތީޖާ ކަމުގައެވެ. ކާމިޔާބު ލިބުނީ އީރާނުގެ ރައްޔިތުންނަށް ކަމުގައެވެ. ކާމިޔާބު ލިބުނީ ކޮންބަޔަކަށް ކަމާމެދު ބަހުސްކުރުން މިވަގުތަކަށް ބާއްވަމާ ބަހީއެވެ. ހަނގުރާމަޔަށް ދެ ހަފުތާގެ މެދުކެނޑުމެއް އައުމުން މުޅި ދުނިޔެ ވަނީ އެކަމާ އުފާކޮށްފައެވެ. ހުރިހާ ގައުމަކުން ވަނީ ހިތްހަމަޖެހުން ފާޅުކޮށް ވާހަކަ ދައްކައިފައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލްވެސް ވަނީ ހިތްހަމަޖެހުން ފާޅުކުރައްވައިފައެވެ. ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް ވަނީ ހަމަޖެހުން އައިސްފައެވެ. އެކަމަކު އަދިވެސް ބިރުވެރިކަން މުޅިޔަކުން ފިލައިގެނެއް ނުދެއެވެ. ދާއިމީ އެއްބަސްވުމަކަށް ނާދެވޭތީއެވެ. މަޝްވަރާތައް އަދި ނުފެށޭތީއެވެ. މަޝްވަރާތައް ފެށުމަށްފަހު ދެންވާނެ ގޮތެއް ނޭނގޭތީއެވެ. އެމެރިކާގެ ރައީސް ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހަކަށްވާތީއެވެ. އޭނާއަށް ބޯންޖެހުނު ހިތިބޭހުގެ އަސަރު ކެނޑޭނެ އިރެއް ނޭގޭތީއެވެ.