އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދިޔަ ހަމަނުޖެހުންތަކަށްފަހު، ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމާއެކު ދުނިޔޭގެ ބާޒާރުގައި ތެކުގެ ދަށަށް ދާން ފަށައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވަނީ ޝަރުތުކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އީރާނުން އެ ކަނޑުއޮޅި ފުރިހަމައަށް އަދި ރައްކާތެރިކަމާއެކު ހުޅުވާލުމުންނެވެ. މީގެ އިތުރުން، އީރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމަކީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޮތް ރަނގަޅު ބިންގަލެއް ކަމަށްވެސް އެމެރިކާއިން ވަނީ ފާހަގަކޮށްފައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލައިފިނަމަ، ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ. މި އިއުލާނާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ތެލުގެ ސަޕްލައިއަށް އައިސްފައިވާ ބޮޑު ހުއްޓުމަށް ލިބުނު ވަގުތީ ލުޔެއް ކަމަށް މާހިރުން ސިފަކުރެއެވެ.
ފާއިތުވި ހަފުތާތަކުގައި ތެލުގެ އަގަށް އައި ބަދަލު
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އީރާނާ ދެމެދު ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން، މާޗުމަހުގެ ތެރޭގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ހަމަނުޖެހުންތައް ފެށުމުގެ ކުރިން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 72 އެމެރިކާ ޑޮލަރުގައެވެ. ނަމަވެސް، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރާ ހުރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން، މި މަހު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 118 ޑޮލަރަށް އަރައިފައެވެ. މިއީ 2008 ވަނަ އަހަރަށްފަހު ތެލުގެ އަގު މިހާ ހަލުވިކަމާއެކު އުފުލުނު ފުރަތަމަ ފަހަރެވެ.
މި ބަދަލާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕެޓްރޯލާއި ޑީސަލްގެ އަގުވެސް ވަނީ އުފުލިފައެވެ. އެގޮތުން، ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގައި ޑީސަލްގެ އަގު 25 އިންސައްތަ އުފުލުނުއިރު، އެމެރިކާގައި ޑީސަލްގެ އަގު ވަނީ 33 އިންސައްތަ އުފުލިފައެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ބައެއް ގައުމުތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. މިސާލަކަށް، ފިލިޕީންސްގައި ޕެޓްރޯލްގެ އަގު ދެގުނައަށް އުފުލުމާ ގުޅިގެން މާޗު 24 ވަނަ ދުވަހު އެ ގައުމުގައި ވަނީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އިންޑިއާގައި ކައްކާ ގޭސް ލިބުން ދަތިވުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުދާ އުފުލުމުގެ އަގު ބޮޑުވެ، އިންފްލޭޝަން މައްޗަށް ދިއުމުގެ ބިރު ވަނީ ހީވެފައެވެ.
މިހާރު ބާޒާރުގައި ތެލުގެ އަގު ހުރި ގޮތް
ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއެކު، ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 13 އިންސައްތައާއި 16 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފައެވެ. އެގޮތުން، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 94.74 ޑޮލަރަށް ވެއްޓިފައެވެ. އެމެރިކާގެ މިންގަނޑު ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ފީފާއެއްގެ އަގު ވަނީ 96.83 ޑޮލަރަށް ދަށަށް ގޮސްފައެވެ. މިއީ 1991 ވަނަ އަހަރުގެ ގަލްފް ހަނގުރާމައަށްފަހު އެއް ދުވަހެއްގެ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ތެލުގެ އަގު ދަށަށް ދިއުމާއެކު، ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ވަނީ ދިރުން އައިސްފައެވެ. ޖަޕާނުގެ ނިކެއި އިންޑެކްސް 4.5 އިންސައްތަ އުފުލުނުއިރު، ދެކުނު ކޮރެއާގެ ކޮސްޕީ ވަނީ 5.5 އިންސައްތަ މައްޗަށް ގޮސްފައެވެ.
އަގުތައް ދަށަށް ދިޔަ ނަމަވެސް، މިއީ ހަމަނުޖެހުންތައް ފެށުމުގެ ކުރިން ތެލުގެ އަގު ހުރި މިންވަރަށްވުރެ އަދިވެސް މާ މަތީ އަދަދެކެވެ. މާކެޓް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، އަގުތައް އެއްކޮށް އާންމު ހާލަތަކަށް އައުމަށް އަދި ވަގުތު ނަގާނެއެވެ. އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (އީއައިއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އިރާގު، ސައުދީ އަރަބިއްޔާ، ކުވައިތު، ޔޫއޭއީ، ގަތަރު އަދި ބަހްރެއިން ފަދަ ގައުމުތަކުން ދުވާލެއްގެ މައްޗަށް 7.5 މިލިއަން ފީފާގެ ތެޔޮ އުފެއްދުން ވަނީ ހުއްޓާލާފައެވެ. އެހެންކަމުން، ސަޕްލައި އަލުން އިއާދަވުމަށް ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
ކުރިއަށް އޮތް ވަގުތުތަކާއި ހަފުތާތަކަށް ލަފާކުރެވޭ ގޮތް
ކުރިއަށް އޮތް ގަޑިއިރުތަކުގައި ތެލުގެ ބާޒާރުގައި އަގުތަކަށް ކުދި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. ހާއްސަކޮށް، ހޮރްމޫޒް ކަނޑުއޮޅިން އާގުބޯޓުފަހަރު ދަތުރުކުރަން ފަށާ ގޮތަކާއި، އީރާނުން އެއްބަސްވުމަށް އަމަލުކުރާ މިންވަރަކުން މާކެޓަށް އަސަރުކުރާނެއެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ ތެލުގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމާއެކު، ކުޑަ ނަމަވެސް ހުރަހެއް ކުރިމަތިވެއްޖެނަމަ އަނެއްކާވެސް އަގުތައް އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. މާހިރުން ލަފާކުރާ ގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން ދިގު މުއްދަތެއްގައި އެމެރިކާއާމެދު ދުނިޔެ ދެކޭ ގޮތަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް، މިއީ ވަގުތީ އެއްބަސްވުމަކަށް ވުމާއެކު، ދެ ހަފުތާ ފަހުން ކަންތައްތައް ވެގެންދާނެ ގޮތަކާމެދު އިންވެސްޓަރުންގެ މެދުގައި އަދިވެސް ކަންބޮޑުވުން އެބައޮތެވެ. ޖޭޕީ މޯގަން ފަދަ މާލީ އިދާރާތަކުން ލަފާކުރާ ގޮތުގައި، މައްސަލައަށް ދާއިމީ ހައްލެއް ނުލިބި، މެއި މަހުގެ މެދުތެރެއާ ހަމައަށް ކަނޑުއޮޅި ބަންދުވެފައި އޮވެއްޖެނަމަ، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ސުލްހައިގެ މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، އަހަރުގެ ފަހުކޮޅު ތެލުގެ އަގު 90 ޑޮލަރަށްވުރެ ދަށަށް ދާނެ ކަމަށް އީއައިއޭއިން ލަފާކުރެއެވެ. މިވަގުތު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ، މި ދެ ހަފުތާގެ މުއްދަތުގެ ތެރޭގައި ޕާކިސްތާނު މެދުވެރިވެގެން ކުރިއަށްގެންދާ މަޝްވަރާތަކުން ދާއިމީ ސުލްހައެއް ގާއިމުކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމަށެވެ.
ތެލުގެ އަގު
ތެލުގެ އަގު
ތެލުގެ އަގު
ތެލުގެ އަގު