މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާއެކު ވެރިވި މާލީ ދަތިތަކުގެ އަސަރު ރައްޔިތުންނަށް ނުކުރަނީ، ސަރުކާރުން ސަބްސިޑީ މެދުވެރިކޮށް ބޮޑު ހޭދައެއް ކުރަމުންދާތީކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "އަހާ" ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ހަރަދުތައް އެތައް ގުނައަކަށް އިތުރުވެގެން ދިޔަ ކަމަށެވެ. އަދި އޭގެ ނޭދެވޭ އަސަރު ރާއްޖެއަށްވެސް ވަރަށް ބޮޑަށް ފޯރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތެލުގެ އަގަށް އައި ބަދަލާއި ލޮޖިސްޓިކްސްއާ އަދި ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކާއެކު އަޅުގަނޑުމެންނަށްވެސް އޭގެ އަސަރުތައް ވަރަށް ބޮޑަށް ކޮށްފައިވޭ. ހާއްސަކޮށް ދައުލަތުން ސަބްސިޑައިޒްކުރަންޖެހޭ މިންވަރު ތެލުގެ އަގު ހިފަހައްޓާ، ރައްޔިތުންނަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ސަރުކާރުން އިސްކަންދިނީ ސަބްސިޑީ މެދުވެރިކޮށް ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން، މިއަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކަނޑައެޅި 2.9 ބިލިޔަން ރުފިޔާގެ އިތުރަށް، އިތުރު 1.4 ބިލިޔަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި ޖުމްލަ ހޭދަ މިހާރު ވަނީ 4.3 ބިލިޔަން ރުފިޔާއަށް އަރާފައިކަމަށް ޒަރީރު ވިދާޅުވިއެވެ.

އޭގެ ބޮޑުބައެއް ހިއްސާކުރަނީ ފިއުލް ސަބްސިޑީ ކަމަށްވުމުން، ދައުލަތުގެ ބަޖެޓު ޑެފިސިޓް ފުޅާވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފަދަ ބޮޑެތި މާލީ ގޮންޖެހުންތަކާ އެކުވެސް، ސަރުކާރުގެ ވިސްނުމަކީ ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް ބަޖެޓު ސަޕްލިމެންޓް ނުކޮށް، ޖީޑީޕީގެ ނިސްބަތުން ބަޖެޓުގެ ޖުމްލަ ޑެފިސިޓް އެއް އަދަދެއްގެ (ސިންގަލް ޑިޖިޓް) މިންވަރެއްގައި ހިފެހެއްޓުންކަމަށް ޒަރީރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ފިސްކަލް އަދި އިގުތިސޯދީ ހާލަތު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ސަރުކާރުން އަޅަމުންދާ އެފަދަ ފިޔަވަޅުތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުންވެސް ބަލައިގެންފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.