ރުމޭނިއާގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިން މިރްސެއާ ލުޗެސްކޫ، ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

ލެޖެންޑަރީ ކޯޗު ލުޗެސްކޫ މަރުވީ މިރޭގެ ވަގުތެއްގައެވެ. އުމުރުން 80 އަހަރުގެ ލުޗެސްކޫ ރުމޭނިއާ ކޯޗުކަން ދޫކޮށްލީ މީގެ ފަސް ދުވަސް ކުރިންނެވެ. އޭނާ ކުއްލިއަކަށް ކޯޗުކަން ދޫކޮށްލީ، ތަމްރީނު ސެޝަނަކަށް ތައްޔާރުވަނިކޮށް ދިމާވި ސިއްހީ ހާލަތަކާ ގުޅިގެންނެވެ.

އިތުބާރު ނޫސްތަކުން ބުނީ ލުޗެސްކޫ ކޯޗުކަން ދޫކޮށްލީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ކަމަށެވެ.

ލުޗެސްކޫގެ މަރާ ގުޅިގެން ރުމޭނިއާގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ ކޯޗަކީ ގައުމުގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ލެޖެންޑް ކަމަށެވެ. ލުޗެސްކޫ މަރުވުމުން ގެއްލުނީ ހަމައެކަނި ކޯޗެއް ނޫން ކަމަށާއި، ގައުމަށް ލޯބިދިން ނަމޫނާ، ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވެސް ރުމޭނިއާ އެފްއޭއިން ބުންޏެވެ.

ލުޗެސްކޫ ވަނީ 1981 އިން 1986 އަކަށް އަދި 2024 އިން މީގެ ފަސް ދުވަސް ކުރިއާ ހަމައަށް ރުމޭނިއާއަށް ކޯޗުކަން ކޮށްދީފައެވެ.

ލުޗެސްކޫ ރުމޭނިއާއަށް ކޯޗުކަން ކޮށްދިން ފަހު މެޗަކީ ޔޫއެފާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން އެންމެ ފަހު މަރުހަލާގައި ތުރުކީ ކައިރިން 1-0 އިން ބަލިވި ޕްލޭ އޮފް މެޗެވެ.

މީގެ ކުރިން އިންޓަ މިލާނާއި ގަލަޓަސަރާއީގެ އިތުރުން ޒެނިތު، ޑައިނަމޯ ކިއޭވާއި ބެސިކްޓަސް އަދި ޝަކްތާ ޑޮނިއެސްކާއި ތުރުކީއަށް ކޯޗުކަން ކޮށްދި ލުޗެސްކޫ ވަނީ ގައުމީ ޓީމަށް 64 މެޗު ކުޅެދީފައެވެ. އަދި ރުމޭނިއާއަށް 1970 ވަނަ އަހަރު ވޯލްޑް ކަޕަށް ނުކުތީ ލުޗެސްކޫގެ ކެޕްޓަން ކަމުގައެވެ.

ލުޗެސްކޫއަކީ ދުނިޔޭ ފުޓުބޯޅަ ދުށް އެންމެ ކާމިޔާބުވެސް އެއް ކޯޗެކެވެ. 40 އަހަރުވީ ކޯޗިން ކެރިއަރުގައި 35 ވަރަކަށް ތަށި ހޯދާފައިވާ އިރު، އޭނާ ވަނީ ޝަކްތާއަކީ ޔޫރަޕްގެ ގަދަ ބާރަކަށް ހަދައިދީފައެވެ. އެ ކްލަބާއެކު 22 ތަށި ހޯދި އިރު، ލުޗެސްކޫ ވަނީ ގަލަޓަސަރާއީއާއެކު ޔޫއެފާ ސުޕަ ކަޕްވެސް ހޯދައިފައެވެ.