މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަމައަށް އޮންނަ މަގާއި ފަޅު މާދަމާ އިން ފެށިގެން ބަންދުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މިރޭ ބުނީ ބޮޑުތަކުރުފާނު މަގުގެ ފިޔަވަހި 1 ގެ ސެގްމަންޓް 2 އަކުން ފެށިގެން 4 އަކާ ހަމައަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެހެންކަމުން މާދަމާ އިން ފެށިގެން ޖުލައި މަހުގެ ހަތަރިު ވަނަ ދުވަހުގެ ނިޔަލަށް އެ ސަރަހައްދުގެ މަގާއި ފަޅު ބަންދުވާނެކަމަށް އެމްޓީސީސީން ބުންޏެވެ.

އެ މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުގައި މިވަގުތު އަޅާފައިވާ ދޯނިފަހަރާއި ލޯންޗުތައް ނަގައި، އެ ސަރަހައްދު ހުސްކޮށްދިނުމަށް އެމްޓީސީސީންވަނީ އެދިފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކޮށް ތާރު އެޅުމަށް ވަނީ ނިންމައިފައެވެ. އެ މަސައްކަތް ހެންވޭރު ސަރަހައްދުން ފެށުމާ ގުޅިގެން، އެ ތަނަށް ކައިރިކުރާ އަތޮޅު ފެރީތަކުގެ ހިދުމަތް މިހާރު ވަނީ ވިލިމާލެ ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކޮށްފައެވެ.