ބަންގްލަދޭޝް ގައުމީ ފުޓުބޯޅަ ޓީމުން ޔޫރަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ ފަސްވަނަ ދުވަހު ސަން މަރީނޯއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ސަން މަރީނޯއާ ދެކޮޅަށް ބަންގްލަދޭޝްއިން ކުޅޭ ފީފާ އެކުވެރިކަމުގެ މެޗު ވެގެންދާނީ ބަންގްލަދޭޝްއިން ޔޫރަޕްގައި ކުޅޭ ފުރަތަމަ މެޗަށެވެ. އެ މެޗު ކުރިއަށްދާނެކަން ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑަރޭޝަނުން ވަނީ ޔަގީން ކޮށްދީފައެވެ. އެމެޗު ވެގެންދާނީ ސަން މަރީނޯއިންވެސް އޭޝިއާ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށެވެ.

ސަން މަރީނޯއަކީ ފީފާ ރޭންކިން އެންމެ ފުލުގައި އޮތް ގައުމެވެ. އެގައުމު މިވަގުތު އޮތީ 211 ވަނައިގައެވެ. ބަންގްލަދޭޝްއަކީ މިވަގުތު 181 ވަނައިގައި އޮތް ގައުމެވެ.

ސަން މަރީނޯގެ ރޭންކިން ދަށް ނަމަވެސް، މިފަހަކަށް އައިސް އެޓީމުން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން ދާދިފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ލެޗްސްޓެންޓައިން ކައިރިން 1-0 އިން މޮޅުވި އިރު، އެއީ އެގައުމުގެ ތާރީހުގައިވެސް ހޯދި ދެވަނަ މޮޅެވެ.

ބަންގްލަދޭޝްގެ ފުޓުބޯޅައަށް މަގުބޫލުކަން އިތުރުވެފައިވާ އިރު، އެޓީމުން ޔޫރަޕްގައި މެޗެއް ކުޅެން ރޭވި އެއް ސަބަބަކީވެސް ދާދިފަހުން ގައުމީ ޓީމަށް ކުޅެން ނުކުތް ހަމްޒާ ޗޯދުރީގެ ސަބަބުން ކަމަށް ބެލެވެއެވެ. އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީއަށް ކުޅެމުންދާ ހަމްޒާ ބަންގްލަދޭޝްއަށް ކުޅެން ފެށުމާއެކު ގައުމީ ޓީމަށް ވަނީ ބޮޑު ސަމާލުކަމެއް ހުއްޓިފައެވެ.