މާފަންނު ކްރާސާ ފިހާރަ ތެރޭގައި ހުއްޓައި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ވަޅި ހަރައި ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި ދެމީހުން ކަމަށްވާ، ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ ދެ މީހުންގެ މައްޗަށްވެސް ދައުލަތުން ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ މަރުގެ އަދަބެވެ.

މި ދައުވާއަށް އެ ދެމީހުންވެސް ވަނީ އިންކާރުކޮށްފައެވެ.

މި ދައުވާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުގެ އެނަލިސިސް ރިޕޯޓަށް ބަލާ އިރު، އެ ރިޕޯޓަކީ ހަމަލާދިން މީހުންނަކީ ދައުވާ ލިބޭ ދެ މީހުން ކަމަށް ކަށަވަރުކަމާއެކު ނިންމޭނެ މިންވަރުގެ ރިޕޯޓެއް ނޫން ކަމަށެވެ.

ހަމަލާދިން މީހުން ފަހުން މަގުމަތީގައި ހަރަކާތްތެރިވާ ވީޑިއޯއެއް ކަމަށް ބުނެ ދައުލަތުން ހުށަހެޅި ވީޑިއޯގައި އެ މީހުން ތިބީ ތަފާތު ހެދުމެއްގައި ކަމަށްވާ އިރު، ބައެއް މީހުންގެ މޫނު ސާފުކޮށް ނުފެންނާތީ ދައުވާ ލިބޭ މީހުންނާ އެކަން ގުޅުވެން ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.

ހުކުމުގައިވާ ގޮތުން އެ ހާދިސާއަށްފަހު، ފައިހް ފިލައިގެން އުޅުނު ކަމަށް ބުނާ ގެއަކުން ނެގި ވީޑިއޯ ފުޓޭޖެއް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އެ ފުޓޭޖްގެ ޓައިމް ސްޓޭމްޕްގައި އޮތީ 2000 ވަނަ އަހަރުގެ ތާރީހެކެވެ.

އަދި އެކަން އެގޮތަށް ހިނގި ސަބަބެއް ދައުލަތަށް ބުނެ ދެވިފައިނުވާތީ އެއީ އެ ހާދިސާއާ ގުޅޭ ވީޑިއޯ ފުޓޭޖެއް ކަމާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެއެވެ. އެ ފިހާރައިގެ ކައުންޓަރަކުން ފައިހާއި އިތުރު މީހެއްގެ އިތުރުން ނިޔާވި މީހާގެ ޑީއެންއޭ ފެނިފައިވިޔަސް، އެކަމަށް އެކަނި ރިއާޔަތްކޮށް އެ ހާދިސާއާ ފައިހުއާ ނުގުޅުވޭނެ ކަމަށް ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ އެ ޑީއެންއޭއަކީ އެތައް އަހަރެއް ވަންދެން ވެސް އެ ތަނުގައި ހުރެދާނެ އެއްޗެއް ކަމަށް ޑީއެންއޭ ތަހުލީލުކުރި ފަރާތުން ބުނެފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ. އެހެންކަމުން ފައިހްގެ ޑީއެންއޭ އެތަނަށް ނަގުލުވި މުއްދަތު އެނގެން ނެތުމަކީ އެ ހާދިސާގައި އެތަނަށް ނަގުލުވި ޑީއެންއޭއެއް ކަމާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެއެވެ. އެތަނުން ކާކުކަން ނޭނގޭ ތިންވަނަ މީހެއްގެ ޑީއެންއޭ ފެނިފައިވާތީ، އެ ކުށްކުރީ ތިންވަނަ މީހެއް ކަމަށް ވެސް ބެލުމުގެ ފުރުސަތު އޮތްކަން ހުކުމުގައިވެއެވެ.

މީގެ އިތުރުންވެސް އިތުރު ކަންކަން ފާހަގަކުރައްވައި، ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުހުކުމުގައި ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރާ ކަމަށެވެ.