ޗައިނާގެ ނިންބޯގައި މިއަދު ފެށި ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުންވެސް މޮޅުވެ، ރިވައިވަލް ސްޕޯޓްސްއާއި ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި ފާތިމަތު ނަބާހާ (ނަބާ)، އޭޝިއާގެ އެންމެ ބޮޑު މުބާރާތް، ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްސް 2026ގެ އަންހެން ސިންގަލްސް ގަދަ 32 ކުޅުންތެރިންގެ ބުރުން ޖާގަ ހޯދައިފިއެވެ.
މިއީ ރާއްޖެއަށް ބެޑްމިންޓަންގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިޔަކު، އޭޝިއާގެ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތުގެ އަންހެން ކުޅުންތެރިޔަކު، ގްރޫޕް ސްޓޭޖުގެ ފުރިހަމަ ކާމިޔާބީއަކާއެކު ގަދަ 32 ގެ ބުރަށް ދަތުރު ކޮށްފައެއް ނުވެއެވެ.
ނަބާގެ ފުރަތަމަ މެޗުގައި އޭނާ ނުކުތީ ބަންގްލަދޭޝްގެ އެއްވަނަ އަންހެން ކުޅުންތެރިޔާ، އުރްމީ އަކްތަރުއާ ދެކޮޅަށެވެ. އެމެޗުން ނަބާ މޮޅުވީ 21-07، 21-17 އިން ސެޓުތައް ގެންގޮސްގެންނެވެ. ދެވަނަ މެޗުގައި، ނަބާ ނުކުތީ ކިރްގިސްތާންގެ ޒަސްމީން އައިސަރޯވާއާ ދެކޮޅަށެވެ. ޒަސްމީން ކައިރިންވެސް ސެޓެއް ނުގެއްލި ނަބާ މެޗުން މޮޅުވިއިރު، އޭނާ ސެޓުތައް ގެންދިޔައީ، 21-05، 21-06 އިންނެވެ.
މުބާރާތުގެ ގަދަ 32 ގެ ބުރުގައި ނަބާ ނުކުންނާނީ ޖަޕާންގެ އަކާނޭ ޔަމަގޫޗީއާ ދެކޮޅަށެވެ. އަކާނޭއަކީ ދުނިޔޭ ރޭންކިން ހަތަރު ވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ތިން ފަހަރު ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން އަކާނޭ ވަނީ އޭޝިއަން ގޭމްސްގެ އަންހެން ސިންގަލްސް އިން ރަން މެޑަލްވެސް ހޯދައިފައެވެ.
މުޙައްމަދު ޝަމްޢޫން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން