ސްޓޯން އޭޖަކީ ކޮބައިހެއްޔެވެ. އެއީ އެއީ އިންސާނީ ތާރީޚުގެ އެންމެ ފުރަތަމަ ފިޔަވައްސެވެ. އިންސާނުންގެ އެކި ބޭނުންތަކަށް މައުދަނުގެ ބަދަލުގައި ހިލަ ބޭނުންކުރި ޒަމާނެވެ. ގެދޮރު ބިނާކުރުމުގެ ބަދަލުގައި ފަރުބަދަތަކުގެ ހޮހޮޅައިގައި މީހުން ދިރިއުޅުނު ޒަމާނެވެ. ހިލައިން ތަޅައި މުގުރައިގެން ކާބޯތަކެތި ބޭނުންކުރި ޒަމާނެވެ. ތަރައްގީއާއި ތަހުޒީބުގެ ކަންފުޅެއްވެސް ނެތް ޒަމާނެވެ. އެޒަމާން ނިމުމަކަށްއައީ އީސާއީ ސަނަތުގެ ގާތްގަޑަކަށް ތިންހާހެއްހައި އަހަރު ކުރިންނެވެ. ދިވެހިބަހުން އެޒަމާން ސިފަކުރަން ބުނަންޖެހެނީ ހިލައިގެ ޒަމާން ކަމުގައެވެ. އެއީ ކޮންޒަމާނެއްކަން މިބަލައިލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ދޭތެރެޔަކުން ހިލައިގެ ޒަމާނުގެ ވާހަކަ ދައްކާތީއެވެ. އެމީހުން ބުނެއެވެ. އިސާހިތަކު ހިލައިގެ ޒަމާނަށް އީރާނު ގަންބައިލާނަމެވެ. އެބުނާ ބަހުގެ މުރާދަކީ ތަރައްގީގެ ކަންފުޅެއްވެސް ނެތް ތަނަކަށް އީރާނު ހަދައިލާނަމޭއެވެ.
އެބުނާ ޒަމާނަށް އީރާނު ފޮނުވައިލުމަށްޓަކައި ޓްރަމްޕު ބޭނުންވަނީ ކަރަންޓު އުފައްދާ އެންމެހައި އިންޖީނުގެތަކާއި ކާރުޚާނާތަކާއި ފާލަންތަކާއި ބަނދަރުތަކާއި ސްކޫލް މަދަރުސާތައް ސުންނާފަތި ކޮށްލުމަށެވެ. ޖުމްލަ ސާޅީސް ފަސް ދުވަހަށް ހަގުރާމަ މެދުކަޑައިލުމަށް އެމެރިކާއިން ހުށައެޅި ވަގުތީ ހުށައެޅުމަކަށް އީރާނުން އިންކާރު ކުރުމާ ގުޅިގެން މިދިޔަ ހޯމަދުވަހު ޓްރަމްޕު ބުންޏެވެ. ކުރިއަށްއޮތް ސާޅީސްއަށް ގަޑިއިރު ތެރޭގައި ހޮރުމުޒް ކަނޑުއޮޅި ހުޅުވައިނުލައިފިއްޔާ އީރާނު ނަރަކައަކަށް ހަދައިލާނަމެވެ. ހިލައިގެ ޒަމާނަށް ފޮނުވައިލާނަމެވެ. ކޮންމެއަކަސް އެ މުހުލަތުގެ އެންމެފަހު ގަޑިތައް މިއަދު މިދަނީ ގުނެމުންނެވެ. އަންގާރަ ދުވަހު މި މުހުލަތު ހަމަވާނެއެވެ. މިއަދަކީ އަންގާރަ ދުވަހެވެ. އީރާނަށް ބޮންއަޅައި ހިލައިގެ ޒަމާނަށް ގަންބައިލާނަމޭ ޓްރަމްޕު ބުނިއިރު އޭނާގެ ދިފާއީވަޒީރު ޕީޓް ހެގްސެތު މީސްމީޑިއާއަށް ދޫކުރި އިންޒާރެެއްގައިވެސް ބުނެފައިވަނީ ހަމަ މިހެންނެވެ. އީރާނު އެނބުރި ހިލައިގެ ޒަމާނަށް ރުޖޫއަކޮށްލާނަމޭއެވެ.
އެމެރިކާގެ މި ބުނުންތަކަށް އީރާނުން ދީފައިވާ ރައްދަކީ ކޮބައިބާވައެވެ. އީރާނުގެ ސަރުކާރުން ބުންޏެވެ. ކަލޭމެން ހޮހޮޅަތަކުގައި ދިރިއުޅުނު ޒަމާނުގައިވެސް އަހަރެމެން ތިބީ ކުރިއަރައިފައެވެ. އިންސާނީ ހައްގުތަކުގެ ބާބުތައް ސައިރަސް ރަސްގެފާނުގެ ފިލައިގައި އަހަރެމެން ލިޔުނުއިރު ކަލޭމެންތިބީ ހިލައިގެ ޒަމާނުގައެވެ. އިސްކަންދަރު އަކުބަރުގެ ވަރުގަދަ ބިޔަ ލަޝްކަރަކަށްވެސް އަހަރެމެންނަށް ގޮތެއް ހަދައި ނުލެވުނެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެމެން އަޅުވެތިއެއް ނުކުރެވުނެވެ. ސަބަބު ވަރަށް ސާފެވެ. އަހެރެމެންނަކީ ހަމައެކަނި ގައުމެއް ނޫނެވެ. މިއީ ހަޟާރަތެކެވެ. އީރާނުގެ ހަޟާރަތެވެ. އީރާނުން އެބުނާ ބުނުމުގެ އަސްލު މާނަޔާއި މަގުސަދަށް ބަލައިލަމާ ހެއްޔެވެ. ރައީސް ޓްރަމްޕާއި ބޮޑުވަޒީރު ނަތަންޔާހޫއަށް އީރާނުން ނަގައިއެދިނީ ތާރީޚުގެ ފިލާވަޅެކެވެ. ކޮންމެހެންވެސް ބުނެދިނުން ލާޒިމު ފިލާވަޅެކެވެ. އެބުނާ ހިލައިގެ ޒަމާނުގައި އަސްލު ތިބީ ކޮންބައެއްކަމާއި އެމީހުންނަށް އަލިކަން ގެނެސްދިނީ ކޮންބައެއްކަން އެންގުމުގެ ގޮތުންނެވެ.
މީގެ ގާތްގަޑަކަށް ދެހާސް ފަސްސަތޭކަ އަހަރު ކުރިން އީރާނުގެ ސައިރަސް ބޮޑުރަސްގެފާނު ބާބީލޭ ކިޔުނު ރަށެއް ފަތަހަ ކުރެެއްވިއެވެ. ތާރީޚުގެ ބައެއް އިލްމުވެރިން ގަބޫލުކުރައްވާ ގޮތުން ޒުލްގަރުނައިނި ރަސްގެފާނަކީވެސް އެއީއެވެ. ކޮންމެއަކަސް އޭރު ބަނީ އިސްރާއީލުން ނުވަތަ ޔަހޫދީންގެ އެތައް ހާސްބަޔަކު ތިބީ ބާބީލްގައި އަޅުވެތި ކުރެވި ގައިދުވެފައެވެ. ހިލިހިލާ ޖެހިފައިވާ ހާލުގައެވެ. ސައިރަސް ބޮޑު ރަސްގެފާނު އެމީހުން މިނިވަން ކުރެއްވިއެވެ. އެމީހުންގެ އަމިއްލަ ދީނުގައި ދެމިތިބުމުގެ އިޚުތިޔާރުވެސް ދެއްވިއެވެ. އެހެން މީހުންނާއި ހަމަހަމަ ކުރައްވައި ހައްގުތައް ކަށަވަރު ކޮށްދެއްވިއެވެ. އެވަރަކުން އަދި ނުނިމެއެވެ. މިކަންކަމުގެ މައްޗަށް ބާރުދެއްވައި އިންސާނީ ހައްގުތައް ބަޔާންކުރައްވައި ގާނޫނުތައްވެސް ލިޔުއްވިއެވެ. މި ގާނޫނުތައް ލިޔެވިގެންވަނީ މަޝްހޫރު ސައިރަސް ހޮޅީގައެވެ. މި ހޮޅި މިހާރުވެސް އިނގިރޭސިވިލާތުގެ ދާރުލްއާސާރެއްގައި އެބައޮތެވެ.
މިއީ އިންސާނީ ހައްގުތައް ބަޔާންކުރެވިފައިވާ ދުނިޔޭގެ އެންމެ ދުވަސްވީ ލިޔުންކަމަށް ޔުނެސްކޯއިންވެސް ވަނީ އިއުތިރާފު ވެފައެވެ. މީގެ ނަކަލެއް އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ ހެޑުކުއާޓަރުގެ ލޮބީގައި ބޭއްވިފައިވެއެވެ. އެމެރިކާގެ މިނިވަންކަމުގެ ގަރާރު ލިޔުއްވި ތޯމަސް ޖެފަރސަން ދަރިވަރުވީވެސް ސައިރަސް ބޮޑުރަސްގެފާނުގެ ގާނޫނަށެވެ. އެރަސްގެފާނާމެދު ޖެފަރސަން ލިޔުއްވި ފޮތް އަދިވެސް އެއޮތީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައިވާ ސުމިތުސޯނިއަން ކުތުބުޚާނާގައެވެ. ސައިރަސް ބޮޑުރަސްގެފާނުގެ ގާނޫނު ލިޔެވިގެންވާ ހޮޅީގެ ނަކަލަކާ އެކީގައެވެ. މިކަންކަމުން މި ހާމަވަނީ ކޮން އެއްޗެއް ހެއްޔެވެ. އީރާނަށް ބޮންއަޅައި ހިލައިގެ ޒަމާނަށް ފޮނުވައިލާނަމޭ އެބުނާ ގައުމުގެ ހަގީގީ އުސޫލުތަކާއި އަސާސްތައް ބިނާކުރެވިފައިވަނީ އީރާނުގެ ނުވަތަ ފާރިސީ ހަޟާރަތުގެ މޭވާގެ މަތީގައެވެ. އެމެރިކާގެ ގާނޫނުތައް ފަރުމާ ކުރެވިފައިވަނީ ސައިރަސް ބޮޑުރަސްގެފާނުގެ ހޮޅީގެ މައްޗަށެވެ.
މިކަންކަން ޓްރަމްޕާއި އޭނާގެ ދިފާއީވަޒީރު ހަނދާނެެއް ނެތެވެ. އަޅުވެތިކަމެއްގެ ތެރެއިން ޔަހޫދީން މިނިވަންކުރީވެސް އީރާނުގެ ރަސްކަލެއްކަން ނަތަންޔާހޫވެސް ހަނދާނެއް ނެތެވެ. ހުރި ލަދުވެތިކަމެއްގެ ބޮޑުކަމާއެވެ. ލަދުވެތިކަން ކިތަންމެ ބޮޑަސް އެމެރިކާގެ ވެރިންގެ ކިބައިގައި ހުންނަ ކިބުރުވެރިކަމާއި ބޮޑާކަމެއްގެ ސަބަބުން ހިލައިގެ ޒަމާނަށް ފޮނުވައިލާނަމޭ ބުނެ ގައުމުތަކަށް އިންޒާރު ދިނުމަކީ އާއްމު ކަމެކެވެ. މިފަހަރު އިންޒާރު އެދިނީ ހަގީގަތުގައި ނުވެސް ދެވޭނޭ ބަޔަކަށެވެ. ތާރީޚު އޮޅުންފިލުން ކުޑަވީމާ އެހެން ވެދާނެތާއެވެ. ވިއެޓްނާމު ހަގުރާމައިގެ ދުވަސްވަރު ވިއެޓްނާމަށްވެސް މި އިންޒާރު ދިނެވެ. އެމެރިކާގެ ޓުވިން ޓަވަރު ގޮއްވާލި ދުވަސްވަރު ޕާކިސްތާނުގެ ރައީސް ޕަރުވޭޒް މުޝައްރަފަށް ގުޅައިގެން އެމެރިކާގެ ޚާރިޖީވަޒީރުގެ ނާއިބު ރިޗަޑް އާމިޓޭޖް ހަމަ މި އިންޒާރު ދީފައިވެއެވެ. މިއިން އެނގެނީ ގައުމުތައް ސުންނާފަތިކޮށް ހިލައިގެ ޒަމާނަށް ގަންބައިލުމަކީ އެމެރިކާގެ ކިބުރުވެރި ފިކުރުގެ ތެރެއަށްވަދެ ގުޅި ލާމެހިފައިވާ ޚިޔާލެއް ކަމެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ
އިމާދު ރަގަޅުވާހަކައެއްބުނަންތަ ކުރުވާހަކަލިޔަންފަށާ .
އަހުމަދު1967 - 2 މަސް ކުރިން