ރައްޔިތުން ދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އެމްޑީޕީގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑުތަނުން ނޫނެކޭ ބުނެ މިފަހަރުގެ ވޯޓުގައި ރައްޔިތުން އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެމްޑީޕީއާ ދޭތެރޭ އަދިވެސް އުންމީދެއް އޮތަތީ ކަމަށާއި ސަރުކާރާ މެދު ވަރަށް ބޮޑަށް ރައްޔިތުން ތިބީ ނުރުހިފައި ކަމަށެވެ.

"މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް. ރައްޔިތުންގެ އުންމީދުތައް ގުޅިފައި އޮތީ އެމްޑީޕީއާ. މިފަހަރު ރައްޔިތުން ދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕާޓީއަށް ލިބުނު ކާމިޔާބީއަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ނަތީޖާ ކަމަށާއި އެ މަސައްކަތުގައި ޕާޓީގެ މެންބަރުން ދެއްކީ އާދަޔާ ހިލާފު ގަދަ ހިތްވަރެއް ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންގެ އިތުރުން އެތަކެއް އާންމު ރައްޔިތުންނެއް ވެސް ގާނޫނުއަސާސީގެ ހިމާޔަތުގައި، ޑިމޮކްރަސީގެ ދިފާއުގައި ދިވެހިން ތިބޭނެކަން ސާބިތުކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެންނަ ނުފެންނަ ވޯޓުގައި 70 ޕަސެންޓުން މި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފި. ގާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މެންޑޭޓެއް މި ސަރުކާރުގައި މިހާރު ނެތް. މިހާރު ގެނެސްފައި ހުރި ބަދަލުތައް ވެސް އަނބުރާ ގެންދަން ޖެހޭ. އެކަމަކު ގާނޫނުއަސާސީ އާއި ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން އަޅުގަނޑުމެން ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އިސްލާހީ މަސައްކަތަކީ އަބަދުވެސް ކުރަން ޖެހޭ މަސައްކަތެއްކަމުން އެ މަސައްކަތުގައި މަޑުޖެހުމެއް ނެތް ކަމަށާއި ޒަމާނުއްސުރެ ދައުލަތް ހިންގުމުގެ ނިޒާމަށް ދިވެހިން ގެންނަން ބޭނުންވެފައި ތިބި ބަދަލުތަކުގެ ކަރުދާހަކާއެކު ރައްޔިތުންނާ ހަމައަށް އެމްޑީޕީން ދާނެ ކަމަށެވެ. އަދި މަޝްވަރާ އާއި ހިޔާލު ހޯދައިގެން އެ ބަދަލުތައް ގެނެވޭނެ އިންތިޒާމެއް އެމްޑީޕީން ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.