ރައްޔިތުން ދިން މެސެޖު ވަރަށް ސާފު ކަމަށާއި ސަރުކާރު ފެއިލްވެއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގަފޫރު ވިދާޅުވީ އަބަދުވެސް މަސައްކަތްކުރާނީ ހައްގަށް އަދި އިންސާފަށް ކަމަށެވެ.

"ރައްޔިތުން ބުނެފި މި ސަރުކާރު ފެއިލްވެއްޖެއޭ، އިސްތިއުފާ ދޭށޭ. އަޅުގަނޑު މި ގޮވާލަނީ ރައީސް ޑރ. މުއިއްޒު އިސްތިއުފާ ދިނުމަށް. އަޅުގަނޑު މި ގޮވާލަނީ ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލުނީމާ ދުނިޔޭގެ އެހެން ތަންތަނުގައިވެސް ކަންކުރާ އުސޫލުން އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާށޭ،" އޭނާ ވިދާޅުވިއެވެ.

ގަފޫރު ވިދާޅުވީ އެމްޑީޕީން ކުރާ މަސައްކަތުގައި ކާމިޔާބު ލިބެމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި އެކަމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ސިޓީތަކާއި ބޮޑެތި ރަށްތަކާއި ކުދި އާބާދީތަކުގެ ރަށްތަކުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޯޓުގައި ރައްޔިތުން ގޮވާލާފައި އެވަނީ ވައްކަން ނުކުރުމަށް، ދިވެހި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަން ނުހިންގުމަށް އަދި ރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ނުފޯރުވުމަށް ކަމަށް ގަފޫރު ވިދާޅުވިއެވެ.