ރާއްޖެއިން، ޔޫއޭއީއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި ޖެނީވާގައި ހުންނަ އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ މުންދުއާއި ސަލްމާ މަގާމުން ވަކިކޮށްފައިވަނީ މިއަދު ކަމަށެވެ.

ޕީޕީއެމް އުވާލުމުގެ ކުރިން އެ ޕާޓީގެ އިސްސަފުން އަދި މިހާރު ސަރުކާރު ހިންގާ ޕީއެންސީގެ އިސްސަފުންވެސް ފެނުނު މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އިއްޔެވަނީ އަސްމާގެ އޯޑިއޯއެއް އާންމުވެފައެވެ. އެ އޯޑިއާގައި އަސްމާ ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށާއި، މަގާމުން ކުރިއެރުން ނުލިބެނީސް ކެމްޕޭނަށް ނުނުކުތުމަށެވެ.

އަދި ދެން ބާއްވާ ރިޔާސީ އިންތިހާބެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ކާމިޔާބު ނުކުރެއްވޭނެކަމަށް އަސްމާ އެ ވީޑިއޯގައި ވިދާޅުވެފައިވެެއެވެ.