މޯލްޑިވްސް އެކުއަޓިކްސް (ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ އެތުލީޓުން ތަމްސީލްކުރާ ދެ މަގާމަށް އައިޝަތު ސާޖިނާއާއި ނިޝްވާން އިބްރާހިމް އަދި ކްލަބްތައް ތަމްސީލްކުރާ މެމްބަރަކަށް ޝާދިޔާ ހަސަން އިންތިހާބުކޮށްފިއެވެ.

ދެ އޮލިމްޕިއަނުން ކަމަށް ސަޖީނާއާއި ނިޝްވާންގެ އިތުރުން ޝާދިއާ އެ މަގާމުތަކަށް އިންތިހާބު ކޮށްފައި ވަނީ ރޭ ބޭއްވި މޯލްޑިވްސް އެކުއަޓިކްސްގެ އަހަރީ އާންމު ޖަލްސާގައެވެ. އެތުލީޓުން ތަމްސީލްކުރާ މެމްބަރުންގެ ތެރެއިން އަންހެން މެމްބަރަކަށް ސާޖިނާ އިންތިހާބުވީ ޖަލްސާގައި ބައިވެރިވި 10 މެމްބަރުންގެ ތެރެއިން އަށް ވޯޓު ހޯދައިގެންނެވެ. ވޯޓުގައި އެއް ފަރާތުން ބައިވެރިނުވާ އިރު، އިދިކޮޅަށް ވަނީ އެއް ވޯޓު ދީފައެވެ. އަދި، އެތުލީޓުން ތަމްސީލްްކުރާ ފިރިހެން މެމްބަރަކަށް ނިޝްވާން ހޮވުމަށް ނުވަ ވޯޓު ލިބުނު އިރު އެއް ފަރާތުން ވޯޓުގައި ބައިވެރިނުވެއެވެ.

ކްލަބްތައް ތަމްސީލްކުރާ އަންހެން މެމްބަރަކަށް ނިއު ލެގޫންސް ސްވިމިން ކްލަބްގެ ޝާދިޔާ އިންތިހާބުވީ ވޯޓު ލެވޭ ހަތް މެންބަރުންގެ ވެސް ތާއީދާ އެކުގައެވެ.

ރޭ ބޭއްވި ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކޮށް، މިއަހަރަށް ބަޖެޓް ފާސްކޮށްފައިވެއެވެ. އެގޮތުން އެސޯސިއުން މިއަހަރަށް ފާސްކޮށްފައި ވަނީ 97،249،198 ރުފިޔާގެ ބަޖެޓެކެވެ. ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ، 96،603،468 ރުފިޔާއެވެ. އެހެންކަމުން ފާސްކޮށްފައި ވަނީ 645،730 ރުފިޔާގެ އަރަނި ބަޖެޓެކެވެ.

މިއަހަރުގެ ބަޖެޓުގައި މޯލްޑިވްސް އެކުއަޓިކްސްއިން ލޯނެއް ނަގަން ހިމަނާފައިވެއެވެ. އެގޮތުން އިންފްރާސްޓްރަކްޗާ ބިނާކުރުމަށް 76،802،497 ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށް، 71،745،000 ރުފިޔާގެ ލޯނެއް ނަގަން ހިމަނާފައިވެއެވެ. އެއީ ހުޅުމާލޭގައި އިމާރާތް ގާއިމްކުރާ ދުނިޔޭގެ ފެންވަރުގެ ސްވިމިން ޕޫލުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައެވެ.

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބީ އާންމު ޖަލްސާ ބާއްވާފައި ވަނީ މިދިޔަ އަހަރުއެވެ. އެ ޖަލްސާގައި މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އިތުރު ދައުރަކަށް އިންތިހާބު ކޮށްފައިވެއެވެ. ސައްތާރަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސްވެސް މެއެވެ.