ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމުގައިވާ "ދިރާގު މާލޭ އޯޕަން"ގެ ރޭސް ކިޓްތައް ދިރާގު ހެޑް އޮފީހުން މިއަދު ދޫކުރަން ފަށަން ނިންމައިފިއެވެ.

ދިރާގުން މިއަދު ބުނީ މި މުބާރާތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ރޭސް ކިޓް ދޫކުރުން ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްގެންދާ 'ޑީއެމްއޯ އެކްސްޕޯ' ގައި ކަމަށެވެ. މި ރޭސް ކިޓުގެ ތެރޭގައި މުބާރާތުގެ ރަސްމީ ޓީޝާޓާއި ސްވިމް ކެޕް ހިމެނެއެވެ.

ދިރާގު މާލެ އޯޕަން 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އަދި 22 ގައި މާލޭގެ ރަސްފަންނު ސަރަހައްދުގައެވެ.

"ސްވިމް މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށްވެސް ބުންޏެވެ.

މި މުބާރާތުގައި 1 ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ކެޓެގަރީތަކުގައި ފެތުންތެރިން ވާދަކުރާނެއެވެ. އަދި މި އަހަރުގެ މުބާރާތަށް 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ވަނީ ތައާރަފްކޮށްފައެވެ.

މިއީ ރައްޓެހިންނާއި އާއިލާއާއެކު ނުވަތަ ފަތާ ކްލަބުތަކަށް ނިސްބަތްވާ ފެތުންތެރިން އެކުގައި ޓީމެއްގެ ގޮތުގައި ވެސް ބައިވެރިވުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ އަދި ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ދިރާގު މާލޭ އޯޕަން 2026" ގެ ޕީއާރް ޕާޓްނަރަކީ ވަން އޮންލައިނެވެ.