އީރާނުގެ ސަރަހައްދުގެ ތެރޭގައި އެމެރިކާ ސިފައިންނާއި އީރާނުގެ ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް މިހަފުތާގެ ތެރޭގައި ވަނީ ބަދަލު ކުރެވިފައެވެ. މިކަމެއް ހިނގީ އީރާނުގެ ދެކުނުގެ ހިސާބެއްގެ މަތިން ވައްޓާލެވުނު އެމެރިކާގެ ހަގުރާމަމަތީ ޖެޓެެއްގެ ފަޅުވެރިން ސަލާމަތް ކުރުމަށް ވައިގެ މަގުން ހިންގުނު ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި އެމެރިކާއިން ވަނީ އެމީހުންގެ ދެ ފަޅުވެރިންވެސް ނަގައިގެން ގެންގޮސްފައެވެ. އެކަމަކު ވަރަށް ބޮޑު އަގެއް އަދާކޮށްފައެވެ. އީރާނުގެ ބާރުތަކަށް އެމީހުން ފިލައިތިބި ތަނެއް ނޭގެއެވެ. އެކަމަކު އެމީހުންގެ ޔުނިފޯމުގައި ހަރުކުރެވިފައިވާ އާލާތަކުން އެމީހުން ތިބި ސީދާ ޕޮއިންޓް އެމެރިކާއަށް އެނގެއެވެ. ފަރުބަދަމަތީ ފަޅު ހިސާބެކެވެ. އެހިސާބަށް އީރާނުގެ ފައުޖުތައް ފޯރުމުގެ ކުރިން އެމެރިކާއިން އޮޕަރޭޝަން ކާމިޔާބު ކުރީއެވެ. ހަމަލާތައް ބަދަލު ކުރެވުނީ އެމެރިކާގެ ސިފައިންނާއި އެހިސާބުގައި ދިރިއުޅޭ އީރާނުގެ ދަނޑުވެރިންނާ ދެމެދުގައެވެ.

އީރާނުގެ ދުރުހިސާބުތަކުގެ ދަނޑުވެރިންގެ އަތުގައިވެސް މިހާރު ހަތިޔާރު ހުރެއެވެ. ކޮންމެއަކަސް މި އޮޕަރޭޝަނުގައި އެމެރިކާއަށް ޔަގީންވި އެއްޗަކީ އެމެރިކާ ސިފައިން އެއްގަމުން އީރާނަށް އަރަން ދިމާކޮށްފިނަމަ ހަމައެއްވެސް ހިސާބަކުން ރައްކާތެރިކަމެއް އަމާންކަމެއް ނެތް ކަމެވެ. އެހެންވީމާ އެއްގަމުން އީރާނަށް އަރައިގަތުމަށް ރައީސް ޓްރަމްޕު ޚިޔާލުކޮށްފައިވާނަމަ އެ ޚިޔާލެއް މިހާރު ދޫކޮށްލައިފި ކަމަށް ހީކުރެވެއެވެ. މިހާރު ޓްރަމްޕު އަނެއްކާވެސް ދައްކަނީ ބޮންއަޅައިގެން އީރާނު ސުންނާފަތި ކުރުމުގެ ވާހަކައެވެ. އޭނާ ވަނީ އައު މުހުލަތަކާއެކު އަނެއްކާވެސް އައު އިންޒާރެއް އީރާނަށް ފޮނުވާލައިފައެވެ. ބުންޏެވެ. ކުރިޔަށްއޮތް ސާޅީސްއަށް ގަޑިއިރު ތެރޭގައި އީރާނުން ހޮރުމުޒް ކަނޑުއޮޅި ހުޅުވާނުލައިފިނަމަ ނަރަކަޔަކަށް ހަދައިލާނަމެވެ. ބުރިޖުތަކާއި އިންޖީނުގެތަކާއި ބަނދަރުތަކާއި އެއަރޕޯޓުތައް ސުންނާފަތިކޮށްލާނަމެވެ.

މިއީ ހޮރުމުޒް ކަނޑުއޮޅީގެ މައްސަލައިގައި ޓްރަމްޕުގެ ފުރަތަމަ އިންޒާރެެއް ނޫނެވެ. މުހުލަތެެއްވެސް ނޫނެވެ. މީގެކުރިންވެސް ސާޅީސްއަށް ގަޑިއިރަކާއި ތިންދުވަހާއި ފަސްދުވަހާއި ދިހަދުވަހުގެ މުހުލަތެެއް ދީފައިވެއެވެ. މިޒާތުގެ މުހުލަތުދީފައި ފަހުން ބަސްމަގު ބަދަލުކޮށް ސުލްހައޭ ކިޔަން ފަށައިފައެވެ. އޭގެފަހުން އަނެއްކާވެސް އިހުގެ ލަވަޔަށް ރުޖޫއަވެދެއެވެ. މިފަހަރު ޓްރަމްޕު ދިން މުހުލަތު މިއަދުގެ ނިޔަލަށް ހަމަވާއިރު މިއީ ވަރަށް ސީރިއަސް އިންޒާރެއްގެ ގޮތުގައި ޓްރަމްޕުގެ އެހީތެރިން ވަނީ ސިފަކޮށްފައެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ހިމެނޭ ރިޕަބްލިކަނުންގެ ލީޑަރަކު ބުންޏެވެ. ޓްރަމްޕު މިފަހަރު ވަރަށް ސީރިއަސްއެވެ. އެހެންވީމާ ދޫދިނުން ނޫން އެހެން ގޮތެެއް އީރާނަކަށް ނުވެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ އީރާނުން ދޫދީފާނެ ހެއްޔެވެ. ޖަވާބަކީ ނޫނެކޭއެވެ. ހޮރުމުޒް ކަނޑުއޮޅި ހުޅުވުމުގެ ބަހަނާގައި އެމެރިކާއިން އީރާނަށް ޒާތްޒާތުގެ އިންޒާރުދީ މުހުލަތުތައް ދެމުން ގެންދާއިރު ހަގީގަތުގައި އެ ކަނޑުއޮޅި ބަންދެއްވެސް ނޫނެވެ.

ކަނޑުއޮޅި ބަންދީ ވަކި ބަޔަކަށެވެ. އެމެރިކާޔާއި އިޒްރޭލަށެވެ. މީގެ އިތުރުން އީރާނުގެ ޝަރުތުތަކަށް ބޯނުލަނބާ ކޮންމެ ބަޔަކަށެވެ. އެ ޝަރުތުތަކަށް ބޯލަނބާ އެންމެން އެދަނީ ހޮރުމުޒް ކަނޑުއޮޅި ބޭނުން ކުރަމުންނެވެ. އީރާނުން ވަނީ އެންމެނަށް މި ކަނޑުއޮޅި ހުޅުވައިލުމާމެދު ރަސްމީކޮށް އައު ޝަރުތެެއްވެސް ކުރިމަތިކޮށްފައެވެ. އީރާނުގެ ރައީސް ޑރ.މަސްއޫދު ޕަޒިޝްކިޔާނުގެ ތަރުޖަމާނު ސައްޔިދު މަހުދީ ވިދާޅުވިއެވެ. ހޮރުމުޒް ކަނޑުއޮޅި އާއްމުކޮށް ހުޅުވައިލާނީ މި ހަގުރާމައިގައި އީރާނަށް ލިބުނު ގެެއްލުންތަކުގެ ބަދަލު ލިބޭނޭ އިންތިޒާމެއްގެ ދަށުންނެވެ. ބަދަލު ނަގައިދޭން ޖެހޭނީ ހޮރުމުޒް ކަނޑުއޮޅި ބޭނުންކުރާ އެންމެހައި ފަރާތްތަކުން ނެގޭ ފީއެއްގެ ގޮތުގައެވެ. އެކަހަލަ އިންތިޒާމެއް ކުރިއަށް ގެންދާނެ ގާނޫނީ އޮނިގަނޑެއްވެސް އޮންނަން ޖެހޭނެއެވެ. އެކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެއްބަސްވާން ޖެހޭނެއެވެ. އެމެރިކާޔާއި ވިލާތުގެ އިއްތިހާދުގެ ގައުމުތައްވެސް ޝާމިލްވާ ގޮތުންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕު އެންމެފަހުން އީރާނަށް ދިން އިންޒާރާއި މުހުލަތުވެސް ސައްޔިދު މަހުދީވަނީ ކުށްވެރި ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޓްރަމްޕުގެ މި އިންޒާރަކީ ގޮތްހުސްވެ ހަދާނެގޮތެެއް ނެތުނީމާ މާޔޫސްވީވަރުން މޮޔަ ގޮވުމެއް ކަމުގައެވެ. ޓްރަމްޕުގެ އިންޒާރު މިމޭރުމުން ސިފަކުރަނީ ހަމައެކަނި އީރާނަކުން ނޫނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ އެމްނެސްޓީގެ ބުނުމަކީވެސް އެއީއެވެ. އެމްނެސްޓީން ބުނަނީ އެމެރިކާ ބޭނުންވާހައި ގޮތަކަށް ކަންކަން ނުވީމާ އީރާނުގެ އާއްމު ރައްޔިތުންގެ ކިބައިން ބަދަލުހިފާން ދިމާކުރުމަކީ ތަހުޒީބު ވިސްނުމުން ބޭރުގައިވާ އަނިޔާވެރި ޖައްބާރު ވިސްނުމެއް ކަމުގައެވެ. ރައީސް ޓްރަމްޕުގެ އިންޒާރާމެދު އީރާނަށް އެހީވާކަމަށް ބުނެވޭ ޗައިނާޔާއި ރަޝިޔާގެ ބަހަކީ ކޮބައި ބާވައެވެ. ރަޝިޔާގެ ޚާރިޖީވަޒީރު ލަވަރޯފާއި ޗައިނާގެ ޚާރިޖީވަޒީރު ވާންގް ވަނީ މިކަމާމެދު ފޯނުން މަޝްވަރާ ކުރައްވައިފައެވެ.

މަޝްވަރާޔަށްފަހު ދެބޭފުޅުންވެސް ވިދާޅުވިއެވެ. ރައީސް ޓްރަމްޕު ހިމޭންވާށެވެ. އިންޒާރަކުން، މުހުލަތަކުން ހޮރުމުޒް ކަނޑުއޮޅިއެއް ނުހުޅުވޭނެއެވެ. އެކަން ކުރެވޭނީ ހަގުރާމަ ހުއްޓާލައިގެންނެވެ. އެއަށްފަހު އީރާނާ މަޝްވަރާކޮށްގެންނެވެ. މިޒާތަށް އިންޒާރު ދިނީމާ ނުކުންނަ ނަތީޖާއަކީ މަޝްވަރާގެ ފުރުސަތު ހަނިވުމެވެ. މިހާރުވެސް އޮތީ ވަރަށް ހަނިވެފައެވެ. ދެންވެސް ދާނީ ހަނިވަމުންނެވެ. ކޮންމެއަކަސް އިރާނު އެއޮތީ ބައިވެރިޔަކުނެތި އެކަނިވެރި ހާލަތުގައި ކަމަށް ނުބެލެވެއެވެ. އީރާނަށް މަދަދުކުރާ ބަޔަކުވެސް އެބަތިއްބެވެ. އެމެރިކާގެ ދިފާއީވަޒީރު ޕީޓް ހެގްސެތު ބުންޏެވެ. ރަޝިޔާއާއި ޗައިނާއިން އީރާނަށް ފޯރުކޮަށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން އެމެރިކާއިން ދަނީ ވަރަށް ގާތުން ބަލަމުން ފާރަވެރިވަމުންނެވެ. އެކަންކަމަށް ރިއާޔަތްކޮށް އަޅަންޖެހޭ ރައްދު ފިޔަވަޅުތައްވެސް ދަނީ އަޅަމުންނެވެ. އެއީ ކޮން ފިޔަވަޅުތަކެއްކަން ހެގްސެތު ހާމައެއް ނުކުރެއެވެ.

މިޒާތަށް އެމެރިކާއިން ވާހަކަ ދެއްކުމަކީ މިހަގުރާމައިގެ މިސްރާބާއި ބައްޓަން ބަދަލުވެގެންދާ ކަމުގެ ހެއްކެއް ކަމަށް ބެލެވެއެވެ. އެމެރިކާޔާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަގުރާމަ އެހެރަގެން ބަދަލުވަމުންދަނީ ދުނިޔޭގެ އަނެއް ބޮޑު ދެބާރުވެސް ޝާމިލްވާހެން ދުނިޔޭގެ ހަގުރާމަޔަކަށެވެ. އެޔާއެކު ބިރުވެރިކަމާއި ނާމާންކަމުގެ މިންވަރުވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން މި ހަގުރާމައިގެ ތެރެއަށް ސީދާގޮތުން އަދި ނުވަނަސް ނުސީދާގޮތުން އެމެރިކާއަށް ވާގިވެރިވުމުގެ ކަންކަން ދަނީ ހިންގަމުންނެވެ. އީރާނު ބަލިނުވެ ދެމިއޮތުމުގެ ސިއްރަކީ ޗައިނާއާއި ރަޝިޔާއިން ސީދާގޮތެެއްގައި އީރާނަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ކަމަށް އެމެރިކާ އެދަނީ ތުހުމަތު ކުރަމުންނެވެ. އެހެންވީމާ އެއޮތީ ހުޅަނގާއި އިރުމަތީގެ ސީދާ ކުރިމަތިލުމަކަށް ވެފައެވެ. މިހިސާބަށް މިކަން ފުޅާވުމަކީ އަވަސްގޮތަކުން ހަގުރާމަ ނިމުމަށް އޮތް ހުރަހެކެވެ. ހަގުރާމަ ދިގުދެމިގެން ދިއުމަށް އަދި ފުޅާވުމަށް ލިބޭ ބާރެކެވެ.