ކ. ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ސްރީ ލަންކާގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުރަޔަލަގެ، އިތުރު 20 ދުވަހަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތެވެ.

ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ އަމީން މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާއެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32އ އެވެ.

އެއިރުން ފެށިގެން އޭނާގެ ބަންދުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

ކުރިމިނަލް ކޯޓުން އިއްޔެކުރި ބަންދު އަމުރުގައިވާ ގޮތުން ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ކުރަނީ، އޭނާ ދުއްވި އެކްސްކަވޭޓަރުން ޖެހި މީހަކު ނިޔާވެފައިވާ މައްސަލައެއްގައެވެ. އަދި ހެއްކެއްގެ ބަޔާނަށް ބަލާއިރު މީނާ ފިލައިގެން ދާން އުޅޭ ކަމަށް ބެލެވޭ ކަމަށްވެސް އަމުރުގައިވެއެވެ.

އޭނާ ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަމީން މިއާ މަރުވީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ.

އެގޮތުން އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.