ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު އެމްޑީޕީން ވަނީ އެ ދެ އިންތިހާބު ކާމިޔާބުކޮށްފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް ކުރި ހޯދިފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުންނެވެ.
ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ، މާލެ ސިޓީ އަދި އައްޑޫ ސިޓީގެ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ވަނީ ނަގައިފައެވެ. އަދި އެމްޑީޕީން ވަނީ ގިނަ ރަށްރަށުގެ ކައުންސިލް އިންތިހާބުވެސް ކާމިޔާބު ކުރައްވައިފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީން ކައުންސިލް އިންތިހާބުގެ 42.7 ޕަސަންޓް ކާމިޔާބުކުރި އިރު، ޕީއެންސީއަށް ލިބިފައިވަނީ 42.3 ޕަސަންޓެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީއަށް ކާމިޔާބު ކުރެވިފައިވަނީ 44.3 ޕަސަންޓެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 38.3 ޕަސަންޓެވެ.
ފެންނަ ނުފެންނަ ވޯޓުން މިހާތަނަށް ގުނިފައިވާ ވޯޓުން ދައްކާގޮތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް 70 ޕަސަންޓް މީހުން ވަނީ ނޫނެކޭ ބުނެފައެވެ. އެއީ 11،709 މީހުންނެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ވޯޓު ދީފައިވަނީ 4،986 މީހުންނެވެ. އެއީ 30 ޕަސަންޓެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު