ރާއްޖޭގެ އެކިކަންކޮޅުތަކަށް އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަމުންގޮސް ބައެއް ހިސާބުތަކަށް 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި މަހާއި އަންނަ މަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ހޫނުމިން މަތިވާނެއެވެ. މިއަދު އިހުސާސް ކުރެވޭ ހޫނުމިން އެންމެ މަތިކަމަށް ދައްކަނީ މާލޭ ސަރަހައްދަށެވެ. އެގޮތުން ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ހުޅުލެއަށް އިހްސާސް ކުރެވޭ ހޫނުމިން ހުރީ 38.4 ޑިގްރީ ސެލްސިއަސްގަ އެވެ.

މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި މިއަދު މެންދުރު 2 ޖެހިިއިރު:

  • ހަނިމާދޫގެ ހޫނުމިން ހުރީ 31.9 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.4 ޑިގްރީ ސެލްސިއަސްގައި
  • ހުޅުލެއަށް ހޫނުމިން ހުރީ 33.1 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 38.4 ޑިގްރީ ސެލްސިއަސްގައި
  • ކައްދޫއަށް ހޫނުމިން ހުރީ 31.4 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.5 ޑިގްރީ ސެލްސިއަސްގައި
  • ކާޑެއްދޫއަށް ހޫނުމިން ހުރީ 31.7 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.9 ޑިގްރީ ސެލްސިއަސްގައި
  • ގަމަށް ހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.1 ޑިގްރީ ސެލްސިއަސްގައި

ރާއްޖޭގެ އާންމު ހޫނުމިން މިދުވަސްވަރު ހުންނަނީ އެވްރެޖުކޮށް 32 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އިހުސާސް ކުރެވޭ ހޫނުމިން ހުންނާނީ އެވްރެޖުކޮށް 32 އާއި 45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ. އެއީ ސިއްހީ ގޮތުން "ސަމާލުވާން ޖެހޭ" މިންވަރެކެވެ.

މިއަދަކީ ހޫނު ގަދަ ދުވަހަކަށްވާއިރު މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އަދި ރެފެރެންޑަމް ވޯޓުގައި ބައިވެރިވުމަށް ގިނަ ބަޔަކު އަންނަނީ ބޭރުގައި ހަރަކާތްތެރިވަމުންނެވެ.

ގަދަ ހޫނު ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

  • ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖަހަންދެން، އަވީގައި އުޅޭމިންވަރު މަދުކުރުން
  • ކުޑައަޅައިގެން ބޭރަށް ނުކުތުން
  • ކުލަމަޑު، ހަށިގަނޑު ނިވާވާ ފަދަ ދޫ ހެދުންލުން
  • ބޭރަށް ނުކުންނައިރު ބޮޑަށް ހިޔާވާކަހަލަ ފުޅާ ތޮފި ބޭނުންކުރުން
  • ގިނަވަގުތު އަވީގައި ހޭދަކުރާ ނަމަ، SPF-15އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުން ކުރުން
  • ގިނައިން ފެންބުއިންހަކުރު އަދި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރުން
  • ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނު ބޭނުންކުރުން