ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައިވެސް ފެށިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ވަނީ ފަށައިފައެވެ. އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އައްޑޫގައިވެސް ޓެކްސީ ދަތުރުގެ ދަތިތައް ދިމާވާ ކަމަށެވެ.

"މާލޭން ބޭރުން، އައްޑު އަތޮޅުގައި ވެސް މި ވަގުތަށް މިފަދަ ހިދުމަތެއް ބޭނުން އެބަވޭ. މި އަހަރު ތެރޭގައި، ރައީސްގެ އިރުޝާދާއެކު އައްޑޫގައި ވެސް މި ހިދުމަތް ސަރުކާރުން ފަށާނެ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސިނަމާލެ ބުރިޖާއެކު މާލެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގައި އެއްގަމު އުޅަނދުތަކަށް އޮތް ޑިމާންޑު އެތައް ގުނައަކުން މަތިވި ކަމަށެވެ. އެކަމުގެ ސަބަބުން ޓެކްސީ ލިބުމުގައި ދަތިތަކެއް ދިމާވި ކަމަށާއި، ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތާއެކު ދަތިކަމަށް ނިމުމެއް އައިސްފައިވާކަމަށް އަމީން ވިދާޅުވިއެވެ.

ޕްރައިވެޓް ޓެކްސީ ސެންޓަރުތަކަކީވެސް މުހިންމު ހިދުމަތްތަކެއް ދޭ ތަނެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޓެކްސީ ތެރެއަށް ސަރުކާރުން ވަން ނަމަވެސް، އެ ތަންތަނަށް މިހާރެކޭ އެއްގޮތަށް ހިދުމަތް ދިނުމަށް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

އެމްޓީސީސީން މީގެ ކުރިން ބުނެފައިވަނީ ޓެކްސީ ލައިނުގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ.

އެމްޓީސީސީން ބުނެފައިވަނީ ޓެކްސީ ލައިނުގައި ބޭނުންކުރާނީ އިލެކްޓްރިކް ކާރުތައް ކަމަށެވެ.