މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މިރޭ ފަށައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ ވިދާޅުވީ ޓެކްސީ ލައިނުގައި 150 ކާރު ހިމެނޭ ކަމަށެވެ. ސައުދީ ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ފެށިގެން ދިޔުމާއެކު މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

ސައުދީ ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތުގެ ސަބަބުން މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބުމުގެ ދަތިކަމަށް ހައްލު އަންނާނެ ކަމަށާއި، ޓެކްސީ ލައިންގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ވެގެންދާނެ ކަމަށެވެ.

އެމްޓީސީސީން މީގެ ކުރިން ބުނެފައިވަނީ ޓެކްސީ ލައިނުގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ.

އެމްޓީސީސީން ބުނެފައިވަނީ ޓެކްސީ ލައިނުގައި ބޭނުންކުރާނީ އިލެކްޓްރިކް ކާރުތައް ކަމަށެވެ.