ޕާކިސްތާނުގައި އިއްޔެ ފަށާފައިވާ ބެޑްމިންޓަން އޭޝިއާ، ސައުތު އޭޝިއަން ރީޖަނަލް ޗެމްޕިއަންޝިޕްގައި ވާދަނުކުރުމަށް ރާއްޖޭން ފަހުވަގުތު ނިންމައިފިއެވެ.

އިސްލާމްއާބާދުގައި އިއްޔެ ފެށި މުބާރާތުގައި ރާއްޖޭން ވާދަކުރަން ތައްޔާރުވެފައި އޮތީ 16 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާގައި އަދި 23 އަހަރުން ދަށުގެ އުމުރުފުރާގެ އިވެންޓްތަކުގައެވެ.

އެ މުބާރާތަށް ތައްޔާރުވާން އެކަޑެމީތަކުގެ ކުޅުންތެރިން ހިމެނޭހެން ގައުމީ ސެލެކްޝަންއެއްވެސް ހަދާފައިވާ އިރު، ފަހުވަގުތު ދަތުރު ނުކުރަން ނިންމީ ހަނގުރާމައިގެ ހާލަތުގައި ޓީމަށް ދިމާވެދާނެ އުނދަގޫ ހާލަތަކަށް ވިސްނާފައި ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް އިޝްފާން މުހައްމަދު (އިއްޕަ) "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

"މިހާރު ހަނގުރާމައިގެ ހާލަތު އޮތް ގޮތުން ދަތުރުފަތުރުގެ ކަންކަން މި އޮންނަނީ ވަރަށް އުނދަގޫކޮށް. އަނެއްކާ ދާން އުޅެނިކޮށް ޕާކިސްތާނުގައިވެސް ކޮންމެވެސް ހާލަތެއް ދިމާވެގެން ބައެއް އެހެން ގައުމުތަކުންވެސް ފަހުވަގުތު ވިތުޑްރޯ ކޮށްފި. ސަރުކާރާވެސް ވާހަކަ ދައްކައިގެން މިވަގުތަށް ހުރިހާ އެންމެންވެސް ލަފާ ދީފައި ވަނީ ދަތުރުކުރުން އެހާ ރައްކާތެރި ނޫން ކަމަށް،" އިއްޕަ ވިދާޅުވިއެވެ.

އިއްޕަ ވިދާޅުވީ އެ މުބާރާތުގެ 23 އަހަރުން ދަށުގެ އިވެންޓްތައް ބައެއް އެހެން ގައުމުތަކާއެކު ފެށި ނަމަވެސް، ދެން އޮތް ދެ އުމުރުފުރާގައިވެސް މިހާރު ވާދަކުރަން އޮތީ ޕާކިސްތާން އެކަނި ކަމަށެވެ. އެހެންކަމުން އެކަމުގައި އަދި ސީދާ ވަކި ގޮތެއް ބެޑްމިންޓަން އޭޝިއާއިން ނިންމާފައި ނެތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މިފަހަރުގެ މުބާރާތަށް ދާން ރާއްޖޭން ތަމްރީނުތައްވެސް ފުރިހަމަކޮށް، ހުރިހާ ކަމެއް އޮތީ ނިންމައިވެސް ފައެވެ.