ޓިކެޓް ކިއުތައް ދިގުކޮށް ދަމާލައި، ޓިކެޓް ހުސްވެ، އެކަކު އަނެކަކަކަށް ޓިކެޓަށް ޒުވާބުކުރާ ހިސާބަށްވެސް ކުރިން ދިޔައެވެ. އެ މަންޒަރު ރާއްޖޭ ރައްޔިތުންގެ ފަރާތުން އެންމެފަހުން ފެނުނީ ގައުމީ ޓީމުގެ ބައެއް މެޗުތަކުގައި އެކަންޏެވެ. އެހެން ނަމަވެސް، 1980 ގެ އަހަރުތަކުގައި ކްލަބު ފުޓުބޯޅައަށް ވެސް އޮތީ އެ ހާލަތެވެ. ގައުމީ ދަނޑަށް ވަނުމުގެ ކަންތަކުގައި ޓިކެޓަށް ދެބަސްވި ހާލަތްތައް އޮތެވެ. އެހެން ނަމަވެސް، އެ ފޯރި އާއި ޖޯޝު ފަނޑުވަމުން ގޮސް، މެޗު ހިނގަމުންދާ ވަގުތު ދަނޑަކީ މިހާރު ހަމަ ހިމޭނުން އޮންނަ ތަނަކަށް ވެއްޖެއެވެ. އެއީ ކްލަބު ފުޓުބޯޅައިގައި އެކަންޏެކޭ ބުނެވޭކަށްވެސް ނެތެވެ. ނިސްބަތުން ގައުމީ ސީނިއާ ޓީމުގެ މެޗުތަކަށްވެސް ސަޕޯޓަރުން ވަންނަ ނިސްބަތް މަދުވެއްޖެއެވެ.

އެހެން އެކަން ވަމުން ދިޔަ ދިޔުމުގައި ދަނޑުގެ ބޮޑު ބައެއް ސަލާމަތަށްޓަކައި ބޭނުން ނުކުރެވޭ ގޮތަށް އޮތުން އެއީވެސް އަދި ވަކިން ފަޅު ކަމަކަށްވިއެވެ. އެހެން ނަމަވެސް، ފުރާލެވެން އޮންނަ ބަޔަށްވެސް މީހުން ވަންނަތަކެއް ނުފެނެއެވެ. އެހެން އެކަން ވަމުން ގޮސް، މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ގައުމީ ދަނޑަށް ދިރުން އައިސްފިއެވެ. ހާއްސަކޮށް ބަންގްލަދޭޝް ކުޅޭ މެޗުތަކަށް އެ ދިރުން އައި މިންވަރު ބޮޑެވެ. މާލޭގައި ބަންގްލަދޭޝްގެ އެތައް ބަޔަކު ދިރި އުޅޭ އިރު، އެ މީހުން ހަމައެކަނި ދަނޑަށް ބަލާލަން ވަންނަނީކީ ނޫނެވެ. ޖޯޝާ ފޯރިވެސް ތަފާތުކޮށް ގެނެސްދީއެވެ.

ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް ވަދެ ސަޕޯޓް ކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"ފުރަތަމަ މެޗުން ފެށިގެންވެސް އަހަރެމެންނަށް ލޯތްބާއި ސަޕޯޓް ލިބެމުން އެބަދޭ. މިތަނުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ޓީމަށް ދޭ ލޯތްބާއި އިހުތިރާމް ފެނިގެން ދިޔުން އެއީ ވަރަށް ބޮޑު އުފަލެއް. އަހަރެމެންނަށް މިއީ ހަމަ ހޯމްގެ އިހުސާސް ކުރެވޭ،" ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު، އަތީގުއްރަހްމާން މީޝޫ އިއްޔެގެ ސެމީ ފައިނަލް މެޗަށްފަހު ބުންޏެވެ.

ބަންގްލަދޭޝްއަށް މިއީ "ހޯމް"އެއްގެ އިހުސާސް ކުރެވެއެވެ. ދިވެހީން، ދިވެހި ޓީމަށް ސަޕޯޓް ދޭން ނޫޅޭ ވަރަށް، ބަންގްލަދޭޝް ރައްޔިތުން އެކަމާ އެބައުޅެއެވެ. ހަގީގަތުގައި އެމީހުންގެ ފުޓުބޯޅަ އިހުސާސް މިއަދު މާ ބޮޑެވެ. ކޮންމެ ހިސާބެއްގައި ތިބި ނަމަވެސް، އެ ސަޕޯޓް ދެނީ ޖޯޝާ ފޯރީގައެވެ. އެހުރީ ގައުމީ އިހުސާސެކެވެ.

އިއްޔެގެ ސެމީ ފައިނަލަށް، 3910 ސަޕޯޓަރުން ވަދެ ދަނޑު ފުރާލި އިރު، އެވަރެޖް ކޮށް އެންމެ ގިނަ ސަޕޯޓަރުން މި މުބާރާތަށް ވަދެފައި ވަނީވެސް ބަންގްލަދޭޝް މެޗުތަކަށެވެ. އިންޑިއާ ބަންގްލަދޭޝް ގްރޫޕް ސްޓޭޖުގައި ވާދަކުރި މެޗަށް 3932 ސަޕޯޓަރުން ވަދެފައިވާ އިރު، ރާއްޖޭގެ މެޗަކަށް އެންމެ ގިނައިން ސަޕޯޓަރުން ވަނީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށެވެ. އެއީ 3863 ސަޕޯޓަރުންނެވެ.

އިއްޔެ ފޯރިއާއެކު ބަންގްލަދޭޝްއިން ނޭޕާލް ބަލިކޮށްފައިވާ އިރު، މިއީ ސާފްގެ މި އުމުރުފުރާ މުބާރާތުގެ ފައިނަލަށް، ބަންގްލަދޭޝްއިން ޖެހިޖެހިގެން ދަތުރުކުރި ތިންވަނަ ފަހަރެވެ. އެޓީމުން އެންމެފަހުން މުބާރާތް ހޯދީ 2024 ވަނަ އަހަރުއެވެ. މިދިޔަ އަހަރު ޕެނަލްޓީގައި އިންޑިއާ ކައިރިން ބަލިވި އިރު، ހުކުރު ދުވަހުގެ ރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ ފައިނަލް ވެގެންދާނީ މިފަހުގެ ތާރީހެއްގައި ގައުމީ ދަނޑުން ފެންނާނެ އެންމެ ފޯރިގަދަ އެއް މެޗަށެވެ.

ބަންގްލަދޭޝްގެ ސަޕޯޓަރުންނާއެކު މުޅި ދަނޑު އިއްޔެވެސް ފުރިފައި އޮތް އިރު، ސަޕޯޓަރުންގެ ފަރާތުން ދިވެހީންނަށް އާވެގެން ދިޔައީ 1980 ގެ ހަނދާންތަކެކެވެ. ގައުމީ ދަނޑަށް އެ ދިރުން އައި ކަހަލައެވެ.