ގިނައިން ފައިސާ ލިބޭނީ އިންތިހާބުތައް ގިނަވީމަ ކަމަށް ރައްޔިތުންނަށް ވިސްނައިދީގެން އިދިކޮޅު އެމްޑީޕީގެ އަމަލުތައް ހުރީ ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިވާ ގޮތަށް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ ވޯޓާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް ވިސްނައިދެނީ ރައްޔިތުންގެ ޖީބަށް ގިނައިން ފައިސާ ލިބޭނީ އިންތިހާބުތައް ގިނަވީމަ ކަމަށާއި އިންތިހާބުތަކާ ދިމާކޮށް ބަހާނެ ވާހަކަ ކަމަށެވެ.
"އެއީ އެބޭފުޅުން އަމަލުތައް ކުރާ ގޮތް. އެހެންވީމާ ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިވާ ގޮތަށް ހަގީގަތުގައި ވާހަކަތައް ބައްޓަންކުރަމުން މިހާރު ވެސް އެ ގެންދަވަނީ. މިއީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނައިވަޑައިގަންނަވަން ޖެހިވަޑައިގަންނަވަން ކަމެއް،" އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ސުވާލު ފޮނުވުމުގެ މާކުރިން އަދި ގާނޫނު ފާސްކުރުމުގެ ކުރިން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ކުރައްވަން ގަސްދުކުރައްވާކަން އެ މަނިކުފާނުގެ އިސްލާހީ އެޖެންޑާގައި ވިދާޅުވެފައި ކަމަށެވެ. އަދި އެ ދުވަހު އިދިކޮޅު ހުރިހާ ފަރާތްތަކުން ވެސް ރައީސްގެ އެ ނިންމެވުމަށް ތާއީދުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ދުވަހު އިދިކޮޅު ހުރިހާ ފަރާތްތަކުން، މި ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން ވިދާޅުވި އެއް އަޑަކުން ވަރަށް ރަނގަޅު ނިންމެވުމެކޭ އެއީ، ވަރަށް ރަނގަޅު ހިޔާލުފުޅެކޭ އެއީ، އެކަން ރައީސުލްޖުމްހޫރިއްޔާ ކުރައްވައިފިއްޔާ ތިމަންނަމެން ތާއީދުކުރާނަމޭ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް އަޑުއިވެނީ އެހެން ލަވައެއް. މިހާރު މި ކިޔާ ލަވައިގައި ރާގު ވެސް މުޅިން ބަދަލު،" އޭނާ ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭންގެ މަސައްކަތްތައް ހުއްޓާލާފައި އެމްޑީޕީން މިހާރު މަސައްކަތްކުރަމުންދަނީ ހިޔާލު ހޯދުމުގެ ވޯޓަށް ކަމަށާއި އެއީ މި ގައުމަށް ހެޔޮއެދޭ ގޮތަށް، ރަނގަޅު ގޮތަށް ފާސްވެދާނެތީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތް ކަމަށެވެ.
އިބްރާހިމް ފަލާހު
އިބްރާހިމް ފަލާހު