ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ދަރަވަންދޫ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ. އެ ރަސްމިއްޔާތުގައި، އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން ދަރަވަންދޫ އެއާޕޯޓު ހިންގުން ރަސްމީކޮށްވަނީ އައިލެންޑް އެވިއޭޝަންއާ ހަވާލުކޮށްފައެވެ.

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 814 އަކަމީޓަރުގެ ޖާގައެއް އިމާރާތް ކުރާނެއެވެ. އޭގެތެރޭގައި އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރު ކުރުމުގެ އިތުރުން ޑިޕާޗާ ހޯލުގައި ކެފޭއަކާއި، ޑިޕާޗާ ގޭޓެއް އިތުރުކުރުން ހިމެނެއެވެ.

އެ މަސައްކަތުގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް ކޮށްފައިވަނީ، އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ޖާގަ ބޮޑުކޮށް، ހިދުމަތްތައް އިތުރުކުރުމަށްޓަކައި ޓާމިނަލް ޑިޒައިން މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އެވިއޭޝަނުން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ހަތަރުވަނަ ދުވަހުގައެވެ.

ބ. ދަރަވަންދޫގައި އެއާޕޯޓުގެ ހިދުމަތް ދޭންފެށިތާ މިހާރު ވަނީ 14 އަހަރު ވެފައެވެ.