ރާއްޖޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށު ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ، ބަންގްލަދޭޝްއިން ހޯދައިފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ބަންގްލަދޭޝްއިން ނޭޕާލް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މިއީ ސާފްގެ 20 އަހަރުން ދަށު މުބާރާތުގެ ފައިނަލަށް ބަންގްލަދޭޝް ޖެހިޖެހިގެން ދަތުރުކުރި ތިންވަނަ ފަހަރެެވެ. އެޓީމުން މީގެ ކުރިން ހަތަރު ފަހަރު ސާފް 20 އަހަރުން ދަށު މުބާރާތުގެ ފައިނަލަށް ގޮސްފައިވާ އިރު، ތަށި ހޯދީ 2024 ވަނަ އަހަރު ނޭޕާލް ބަލިކޮށްފައެވެ.

މެޗުގެ ކުރީކޮޅުގައި ބޮޑަށް ނުރައްކާކޮށް ފެށީ އެންމެފަހުގެ ރަނަރަޕް ބަންގްލަދޭޝްއެވެ. އެޓީމުން ވަނީ ކުރިއަށް ޖެހި ނޭޕާލްގެ ފަހަތަށް ނުރައްކާ ކޮށްފައެވެ. ހާއްސަކޮށް ދެ އަރިމަތިން ރަނގަޅު ހުރަސްތަކެއް އޭރިއާ ތެރެއަށް ކުޅެ، އެޓީމުން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑުވެސް ނަގައިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ބަންގްލަދޭޝްއަށް ލީޑު ނަގައިދިނީ އެމްޑީ މަނިކެވެ. އޭނާ ގޯލް ޖެހީ އެމްޑީ މުރުސިދު އަލީ ނަގައިދިން ހުރަހަކުންނެވެ.

އޭގެ މިނެޓެއްފަހުން އަނެއްކާވެސް ބަންގްލަދޭޝްއިން ނުރައްކާ ކޮށްފައިވާ އިރު، އެމެރިކާއަށް އުފަން ރޮނަން ބެންޖަމިން ސުލިވަން ވަނީ އޭރިއާ ތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލައި، ގޯލަށް ބޯލަ ވައްދާވެސް ލައިފައެވެ. އެހެން ނަމަވެސް އޭނާ އެ ބޯޅައަށް މަސައްކަތް ކުރީ އޮފްސައިޑް މަގާމެއްގައި އޮވެފައެވެ.

މުޅި ދަނޑު އެއްކޮށް ކަހަލަ ގޮތަކަށް ފުރިފައި އޮތް އިރު، ގިނައިން ދަނޑަށް ވަދެފައި ވަނީ ބަންގްލަދޭޝް ސަޕޯޓަރުންނެވެ. އެ އެޓޭކްތަކާއެކު ދަނޑު ދިޔައީ ގުގުމަމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝްއިން ބޮޑަށް ޑޮމިނޭޓް ކޮށް ކުޅުނު ނަމަވެސް ނޭޕާލުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން މުބާރާތުގައި ރަނގަޅަށް ކުޅެމުންދިޔަ ސުބާޝް ބާމްއާއި ބަދަލަކަށް ނުކުތް ބިގްޔަން ކަދުކާ ނުރައްކާ ކުރި ނަމަވެސް ގޯލެއް ފެނިގެން ނުދިޔައެވެ.

ބަންގްލަދޭޝްއަށް ދެވަނަ ހާފުގައި އެޓޭކް ކުރަން އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، މެޗު ނިމިނިމި އޮއްވާ ނޭޕާލުން ނަތީޖާ އެއްވަރުކުރުމާ ގާތަށް ޖެހިލިއެވެ. އެގޮތުން އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި ފުރަތަމަ ފޮނުވާލި ހަމަލާ ކީޕަރު މަތަކުރި އިރު، އޭރިއާ ބޭރުން ސުޖަން ޑަންގޯލް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލް ކުރިމަތީގައި ވެއްޓިފައި އޮތް އެމްޑީ ޔޫސުފް އަލީ ގައިގައެވެ.

އޭގެފަހުންވެސް ބަންގްލަދޭޝްއިން ކުރައް ނުރައްކާތަކުގައި ގޯލަކާ ގާތް ކުރި ނަމަވެސް، އެކަން ކާމިޔާބުނުވެ، ބަންގްލަދޭޝްއިން ފައިނަލް ޔަގީންކުރިއެވެ.