އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްއިން އިރާގާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.

ޕްލޭ އޮފް ފޯރިގަދަ ކުރުމަށް މިފަހަރު ފީފާއިން ވަނީ ވަކި މުބާރާތެއް ރާވާފައެވެ. އެއީ އޭއެފްސީއާއި ކާފް، ކޮންކަކަފް، ކޮންމެބޯލް އަދި އޯއެފްސީ ކޮންފެޑެރޭޝަނުން ޖުމުލަ ހަ ޓީމު ހިމެނޭ ނޮކްއައުޓް މުބާރާތެކެވެ. މެޗުތައް ކުޅުނީ މެކްސިކޯގައެވެ.

އިންޓަ-ކޮންފެޑެރޭޝަން ޕްލޭ އޮފް މުބާރާތުގެ ގުރު ނަގާފައި ވަނީ ޓީމުތައް ސީޑު ކޮށްގެންނެވެ. އެއީ ކޮލިފިކޭޝަންތަކަށް ބަލައިގެންނެވެ. ގުރަށް ސީޑު ކޮށްފައިވާ ދެޓީމަކީ އޭޝިއާގެ އިރާގާއި ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. އެ ދެޓީމު ނުކުތީ ފައިނަލަށެވެ.

އޭގެ ތެރެއިން އިރާގުން، 1986 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ޔަގީންކުރީ ރޭ ބޮލިވީއާ ކައިރިން 2-1 އިން މޮޅުވެގެންނެވެ. 40 އަހަރުގެ ދުވަހުގެ އިންތިޒާރަށް ނިމުން ގެންނަން އިރާގުން ކުރި މަސައްކަތުގައި އަލީ އަލް ހަމަދީ ވަނީ ކުރީކޮޅުގައި ލީޑު ނަގައިދީފައެވެ.

އޭގެފަހުން ބޮލީވިއާގެ މޮއިސެސް ޕަނިއަގުއާ ގޯލް ޖެހި ނަމަވެސް، އިރާގުގެ އައިމަން ހުސައިން ވަނީ ދެވަނަ ގޯލެއް ޖަހައި އިރާގު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދީފައެވެ.

ކޮންގޯއިން ޖަމައިކާއާ ދެކޮޅަށް ފައިނަލުގައި ނުކުތް އިރު، މެޗުގައި ފެނުނީ އެންމެ ގޯލެކެވެ. ކޮންގޯއިން 1-0 އިން މޮޅުވި އިރު، މިއީ 1974 ވަނަ އަހަރު ފަހުން އެޓީމުން ވޯލްޑް ކަޕަށް ދާ ފުރަތަމަ ފަހަރެވެ. މެޗުގައި ހަމައެކަނި ގޯލް ޖަހައިދިނީ ބާންލީގެ އެކްސެލް ޓުއަންޒޭބޭއެވެ.