ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ފަށާ އެންމެ ބޮޑު އެއް މަޝްރޫއަކީ ސަރުކާރުގެ "ޓެކްސީ ލައިން" މަޝްރޫއެވެ. މިއީ މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވެ، ޓްރެފިކްގެ މައްސަލަތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން ފެށޭ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ސަބަބުން މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރެވޭ ދަތުރުތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދެމުން އަންނަ އޫބާ އަދި ގްރެބް ފަދަ ހިދުމަތްތަކާ އެއްފެންވަރެއްގައި އިތުބާރު ހުރި އަދި ރައްކާތެރި ޓެކްސީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި މަޝްރޫއު ތަންފީޒުކުރުމުގެ އެންމެހާ ކަންކަން ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ. މި ޓެކްސީ ލައިން ގާއިމުކުރަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މާލެ ސަރަހައްދުގައި ޓެކްސީ ލިބުމުގެ ދަތިކަން ހައްލުކުރުމާއި ހިދުމަތުގެ ފެންވަރު މަތިކުރުން ހިމެނެއެވެ.
މީގެ އިތުރުން، ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ސަމާލުކަންދީ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމާއި އަޑުގަދަވުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަކީވެސް މި މަޝްރޫއުގެ މުހިންމު މަގުސަދެކެވެ. އެމްޓީސީސީން މި ހިދުމަތް ފޯރުކޮށްދޭނީ ސައްތައިން ސައްތަ ކަރަންޓުން ދުއްވާ (އީވީ) އުޅަނދުތައް ބޭނުންކޮށްގެންނެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހިދުމަތް ދޭނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ދެ ވަނަ މަރުހަލާގައި މި އަހަރު އަދި އަންނަ އަހަރު ވިލިނގިލި އަދި ތިލަފުށްޓަށް ހިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ މަރުހަލާގައި 2028 އަދި 2029 ވަނަ އަހަރު އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް މި ހިދުމަތް ފުޅާކުރެވޭނެއެވެ.
މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޗައިނާގެ މަޝްހޫރު ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ "ޗަންގަން އޮޓޯމޯބައިލް" ބްރޭންޑްގެ ކާރުތަކެކެވެ. މި މަޝްރޫއަށް ޖުމްލަ 150 ކާރު ގެނައުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ޝިޕްމަންޓްގެ ގޮތުގައި 60 ކާރު ވަނީ މާރިޗު މަހުގެ 24 ވަނަ ދުވަހު ރާއްޖެ ގެނެސްފައެވެ. ބާކީ 90 ކާރުވެސްވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި ކާރުތަކުގެ ތެރޭގައި ހިމެނެނީ ޗަންގަން ބްރޭންޑްގެ ލޫމިން، އެސް05، އަދި އެސް07 މޮޑެލްގެ ކާރުތަކެވެ. މީގެ ތެރެއިން ދެ މޮޑެލެއް ޗައިނާއިން ގެނެސްފައިވާއިރު، އަނެއް މޮޑެލް ގެނެސްފައިވަނީ ތައިލެންޑުންނެވެ. މި ހުރިހާ ކާރަކީވެސް ތިމާވެއްޓާ ރައްޓެހި، އަދި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ އީވީ ކާރުތަކެވެ. އޭގެ ތެރޭގައި ބޮޑެތި މަގުތަކާއި ހަނި މަގުތަކަށް ހާއްސަ ކާރުވެސް ހިމެނެއެވެ. މި ކާރުތަކުގެ ބޭރުގައި އެމްޓީސީސީގެ ލޯގޯއާއި ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރު ޖަހާފައި ހުންނާނެއެވެ.
ރައްޔިތުންނަށް ލިބޭނެ ފައިދާތަކާއި ޓްރެފިކްފްލޯއަށް އަންނާނެ ލުއިތައް
ސަރުކާރުގެ ޓެކްސީ ލައިން ވުޖޫދަށް އައުމާއެކު، އާންމު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެއެވެ. އެންމެ ބޮޑު ފަސޭހައަކަށް ވެގެންދާނީ 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭ ޓެކްސީ ޚިދުމަތެއްގެ ޔަގީންކަމެވެ. މި ހިދުމަތް ހޯދުމަށްޓަކައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރެވޭނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކައިރީގައި ހުރި ޓެކްސީތައް ބަލައިލުމާއި ފަސޭހަކަމާއެކު ބުކްކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. އަދި ދަތުރުކުރާ ރޫޓާއި ދަތުރަށް ނަގާނެ ވަގުތު އެޕްލިކޭޝަނުން ފެންނާން ހުރުމަކީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ޔަގީންކަމެކެވެ. މީގެ އިތުރުން، އެހީތެރިކަން ހޯދުމަށާއި ހިދުމަތަށް އެދުމަށް ހާއްސަ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1655 ވަނީ ތައާރަފުކޮށްފައެވެ. މިއީ ސްމާޓް ފޯން ނުގެންގުޅޭ ފަރާތްތަކަށްވެސް ފަސޭހައިން ހިދުމަތް ހޯދުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކަށް މިކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ސަބަބަކީ، އެއް ނިޒާމެއްގެ ދަށުން، ޓެކްނޮލޮޖީގެ އެހީގައި ޓެކްސީތައް މެނޭޖުކުރެވެން ފެށުމުން، ހުސްކޮށް މަގުމަތީގައި ދުއްވާ ޓެކްސީތައް މަދުވެ، ބޭނުންވާ ވަގުތަށް ސީދާ ކަސްޓަމަރު ހުރި ހިސާބަށް ޓެކްސީއަށް ދެވޭނެތީއެވެ. މީގެ ސަބަބުން ޓެކްސީ ނުލިބިގެން މަގުމަތީގައި ގިނައިރު މަޑުކުރާން ޖެހޭ ޖެހުމަށް ދާއިމީ ހައްލެއް އަންނާނެއެވެ. އަދި މިއީ ސައްތައިން ސައްތަ ކަރަންޓު އުޅަނދުތަކަކަށް ވުމުން، މާލޭގެ މަގުތަކުގައި އުޅަނދުތަކުން އަރާ ދުމާއި އަޑުގަދަވުމުގެ މައްސަލައަށްވެސް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.
ވަޒީފާގެ ފުރުސަތުތަކާއި އަމިއްލަ ޑްރައިވަރުންނަށް ކުރާނެ އަސަރު
މި މަޝްރޫއަކީ ދިވެހީންނަށް ވަޒީފާގެ އާ ފުރުސަތުތަކެއް ހުޅުވައިދޭނެ މަޝްރޫއެކެވެ. އެމްޓީސީސީން ވަނީ މި ޓެކްސީ ލައިނަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އިއުލާނުކޮށް، ވޯކް-އިން އިންޓަވިއުތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ފުލްޓައިމްކޮށް އަދި ޕާޓްޓައިމްކޮށް މަސައްކަތްކުރާނެ ޑްރައިވަރުން ހިމެނެއެވެ. ވަޒީފާ ދިނުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޑްރައިވަރުންނަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ފުލްޓައިމް ޑްރައިވަރުންނަށް ހާއްސަ ޔުނީފޯމެއް ކަނޑައެޅިފައިވާއިރު، ޕާޓްޓައިމް ޑްރައިވަރުން ބޭނުންކުރާނީ ހާއްސަ ވެސްޓެކެވެ. މީގެ އިތުރުން، ޑްރައިވަރުންނަށް ފަސްޓް އެއިޑް އަދި ސޭފްޓީ އެވެއާނެސް ޓްރެއިނިންތައް ވަނީ ދީފައެވެ.
ސަރުކާރުގެ ޓެކްސީ ލައިން އައުމާއެކު، މިހާރު އަމިއްލަގޮތުން ޓެކްސީ ކުރާ ފަރާތްތަކުގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދުނެވެ. މިކަމާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. ހާއްސަކޮށް އާމްދަނީއަށް އަތުވެދާނެ ހީނަރުކަމަކާމެދު އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. ރައީސް ވަނީ ޑްރައިވަރުންނަށް ގެއްލުން ވާނެ ގޮތަކަށް ސަރުކާރުން ކަންކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް އެކުލަވާލައި، އެފަރާތްތަކަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ، ސަރުކާރުގެ ޓެކްސީ ލައިންގެ ބޭނުމަކީ އަމިއްލަ ޓެކްސީތަކުގެ ވިޔަފާރި ހުއްޓުވުން ނޫން ކަމަށާއި، އޭގެ ބަދަލުގައި މުޅި ސިނާއަތުގެ ފެންވަރު މަތިކޮށް، ވާދަވެރި މާހައުލެއްގައި ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިން މާދަމާ ފަށާއިރު، މިއީ މާލޭގެ ކާރޫބާރުބޮޑު މަގުތަކަށް ލުއިކަން ގެނެސްދީ، ޓެކްސީ ލިބުމަށް އޮތް ދަތިކަން ހައްލުވާނެ ކަމެއްކަމަށް ކުރެވޭ އުއްމީދު ބޮޑެވެ. ވަކީން ހާއްސަކޮށް، ޒަމާނީ ޚިދުމަތާ އެކު، ސަލާމަތާއި ރައްކާތެރިކަމަކީ މި ޚިދުމަތުން ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
އަލީ ޔާމިން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ