ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫއަށް މާލީ އެހީ ދިނުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަދީނާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންއާއި ޕާކިންވެސް ހިމެނޭހެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށާއި އަދި ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ކަންކަން ވެސް މިސްކިތުގައި ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެއެވެ.

31 މާޗް 2026: ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތުގެ ކުރެހުމެއް --- ފޮޓޯ/ އިސްލާމިކް މިިނިސްޓްރީ

އެ މިނިސްޓްރީން އިތުރަށް ބުނީ، އެ މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުން ކަމަށާއި މި މަޝްރޫއުގެ ޑިޒައިނިން އާއި ހުރިހައި މަރުހަލާއަކަށް ފަންޑު ކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުން ކަމަށެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެ ކަމަށާއި މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް ދޭއް އަދި ފޭސް ތިނެއް ދެމެދުގައި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.