ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 9.6 ބިލިއަން ރުފިޔާއެވެ. ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 2.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 8.6 ބިލިއަން ރުފިޔާއެވެ. އެއީ ޖުމުލަ އާމްދަނީގެ 81 ޕަސަންޓްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިދިޔަ ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓީީޖީއެސްޓީން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.7 ބިލިއަން ރުފިޔާ އަޅައިބަލާއިރު 23.9 ޕަސަންޓަށް އިތުރުވެ، 3.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި ކަމަށް ރިޕޯޓުގައި ބުންޏެވެ. ނޮން-ރެސިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 59.0 ޕަސަންޓް އިތުރުވެ، 324.8 މިލިއަން ރުފިޔާއިން 516.4 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 14.7 ޕަސަންޓަށް އިތުރުވެ، 332.5 މިލިއަން ރުފިޔާއަށް އެރިކަމަށް ރިޕޯޓުގައި ބުންޏެވެ. އަދި ބޭރު ފައިސާއިން ލިބުނު ޖުމުލަ އާމްދަނީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވެފައިވުމަކީ ރާއްޖޭގެ އިގުތިސޯދީ ދާއިރާގެ ވަރުގަދަކަން ހާމަކޮށްދޭކަމެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.
މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ޖުމުލަ 8.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، އެ މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އަދި ޕެންޝަނަށްކަމަށް ރިޕޯޓުގައި ބުންޏެވެ. އެއީ 3.2 ބިލިއަން ރުފިޔާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިކަރަންޓް ހަރަދުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 8.8 ޕަސަންޓަށް އިތުރުވެ 891.2 މިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެހީއާއި ސަބްސިޑީގެ ގޮތުގައި ޖުމުލަ 2.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި ކަމަށް ރިޕޯޓުގައި ބުންޏެވެ.
މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދުތައް އިތުރުވިކަމަށް ރިޕޯޓުގައިވެއެވެ. އެގޮތުން ބިން ހިއްކުމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 137.5 ޕަސަންޓް އިތުރުވެ، 442.7 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
ސޮވެރިންގް ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖުމުލަ 520.6 މިލިއަން ރުފިޔާއަށްވާ ޑޮލަރު ވަނީ ޖަމާކޮށްފައި ކަމަށް ރިޕޯޓުގައި ބުންޏެވެ. އޭގެ ތެރޭގައި ފާއިތުވި ހަފުތާގައި ޖަމާކުރި 95.5 މިލިއަން ރުފިޔާ ހިމެނޭކަމަށް ރިޕޯޓުގައިވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް