އައްޑޫ ސިޓީގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދައިގެ އޮފީހެއް ހުޅުވައިފިއެވެ.

އައްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ޝިހާމާ ވިދާޅުވީ އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. ޝިހާމާ ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ކުރައްވަމުންދާ މަސައްކަތުގެ ތެރެެއިން ކުރެއްވިކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވިގެން ދިޔުމުގެ ސަބަބުން، އައްޑޫ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސްފައިވާ ކަމަށެވެ.

"މިއަދު މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން" ޝިހާމާ ވިދާޅުވިއެވެ.

އައްޑޫގައި ހުޅުވި އެންސްޕާ އަދި އާސަންދަ އޮފީހުގެ ހިދުމަތްތައް ފުވައްމުލަކު ސިޓީއާއި ހުވަދު އަތޮޅަށް ފުޅާވެގެންދާނެކަމަށްވެސް ޝިހާމާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެންސްޕާ އަދި އާސަންދައިން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމަށްޓަކައި ލިޔެކިޔުންތައް ހުށަހަޅައި، އެކަމުގައި ލިބޭ ޖަވާބެއްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

31 މާޗު 2026، އައްޑޫ ސިޓީގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދައިގެ އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީީދު ވާހަކަދައްކަވަނީ ---- ފޮޓޯ: އެންސްޕާ

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެންސްޕާ އަދި އާސަންދަ އޮފީހެއް އައްޑޫގައި ހުޅުވިގެން ދިޔުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ހީނާ ވިދާޅުވީ އެންސްޕާ އަދި އާސަންދައިގެ ހިދުމަތްތަކަކީ ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކުރެވެގެމުންދާ ހިދުމަތްތަކެއް ކަމެއް ވިޔަސް، ބޮޑެތި ސިޓީތަކުގައި މުވައްޒަފުން ހަރަކާތްތެރިވާން ޖެހޭނެ ކަމަށެވެ.