އިރާނަށް ހަމަލާދިނުމަށް ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ސްޕެއިން އިން ބުނެފިއެވެ.

ސްޕެއިންގެ ޑިފެންސް މިނިސްޓަރު މާގަރިތާ ރޮބްލެސް ވަނީ އެމެރިކާއިން އިރާނަށް ހަމަލާދިނުމަށް ބޭނުންކުރާ އެއްވެސް ފްލައިޓަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދު ކަމަށް ވިދާޅުވެފައެވެ.

ރޮބްލެސް ވަނީ އެގައުމުގެ މިލިޓަރީ ބޭސްތައް ކަމަށްވާ މޮރޮންގެ އިތުރުން ރޯޓާ ބޭސް ވެސް އެއްވެސް ބޭނުމެއްގައި އެމެރިކާއަށް ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ސްޕެއިން ސަރުކާރުން ވަނީ އިރާނާ ދެކޮޅަށް އެމެރިކާއިން ހަމަލާ ދޭން ފެށުމާއެކު އެބޭސްތައް ބޭނުން ނުކުރެވޭނެ ކަމަށް ސާފުކޮށް ބުނެފައި ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސް މަނުއެލް އަލްބަރެސް ވިދާޅުވީ އެގައުމުން ނިންމި ނިންމުމަކީ މިދަނޑިވަޅުގައި ހަނގުރާމަ އިތުރަށް ފުޅާވުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ސްޕެއިން ސަރުކާރުގެ ނިންމުމާއެކު އެމެރިކާގެ ވައިޓް ހައުސް އިން ވަނީ އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަން ''އެޕިކް ފިއުރީ'' އަށް ސްޕެއިންގެ އަދި އެހެން ފަރާތެއްގެ އެހީތެރިކަމެއް ބޭނުން ނުވާކަމަށް ބުނެފައެވެެ.

އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާއާ އެކު ބައިއަތު ހިފުމަށް އެކަމުން ދުނިޔޭގެ ނުފޫޒު ގަދަ ބޮޑެތި ގައުމުތަކުގައި އެދުމުން ވެސް އެގައުމުތަކުން ވަނީ ހަނގުރާމައިގައި ބައިވެރި ނުވުމަށް ނިންމާފައެވެ.