"ބޯހިޔާވަހިކަން އެންމެންނަށް" ހައުސިން ސްކީމުގެ ދަށުން އެންމެ ނިކަމަތި ހާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ދިނުމުގައި އިސްކަން ދިނުމުގެ ގޮތުން އެެފަދަ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލެ ފޭސް ދޭއްގައި ހަދާ 1،190 ފުލެޓުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމަކީ އިންސާނިއްޔަތަށްޓަކައި ކޮށްދޭން ޖެހިފައިވާ ކަމެއް ކަމަށެވެ. މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި، ނިކަމެތި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ އެންމެ ޕްރޮގްރާމަކަށް ނުވަތަ އެންމެ އުސޫލަކަށް ނޫން ކަމަށެވެ.

"މާޒީގެ ތަޖުރިބާއަށް ބަލާއިރު، ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އާއިލާތަކަކީ، ބޯހިޔާވަހިކަމުގެ އާންމު ސްކީމްތަކުން ފްލެޓްތައް ނުލިބޭ ފަރާތްތައް. އެ ފަރާތްތަކަށް ބައެއް ފަހަރު އުސޫލުތައް ނޭނގެ، ރަނގަޅު މައުލޫމާތެއް ނުލިބޭ، ބޭނުންވާ އެހީތެރިކަމެއް ނުލިބޭ، ނޫނީ ބޭނުންވާ ލިޔެކިޔުންތަކެއް ހަމައެއް ނުކުރެވޭ. ވަރަށް ގިނަ ފަހަރަށް އެފަދަ ފަރާތްތަކަކީ ބާކީވެގެން ގޮސް، ސިސްޓަމްގެ ހަވާސާއަށް ކޮށްޕާލާފައިވާ ފަރާތްތަކަށްވާތީ ދިރިއުޅުމުގެ ދަތިކަމާ އެއްކޮށް އެފަދަ ޕްރޮގްރާމަކަށް ފޯމުލުންވެސް އޮންނަނީ ނުވާ ވަރުގެ ކަމަކަށް ވެފައި. އެންމެ ނިކަމެތި ފަރާތްތަކަކީ އެންމެ ނުފެންނަ ފަރާތްތައް،" މުއްތަލިބު ވިދާޅުވިއެވެ.

"އެހެންވެ ޕްރައިއޯރިޓީ ސޯޝަލް ހައުސިން ރަޖިސްޓާއެއް ހެދުމަކީ، މުހިންމު ކަމެއްކަން ގަބޫލުކުރެވިގެން، އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ފެށިފައި، އޯގާތެރި ސަރުކާރަކުން ނިކަމެތިންނަށް އެހީއަށް އާދޭސްތައް ހުއްޓުވަން ކެނޑިނޭޅި މަސައްކަތް ކުރާނެ. އޯގާތެރި ސަރުކާރަކުން އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށް ހޯދަން މަސައްކަތް ކުރާނެ. އޯގާތެރި ސަރުކާރަކުން އެ މީހުންނަށް އެހީތެރިކަން ހޯދަައިދޭނެ".

އެފަދަ ދަފުތަރެއް އެކުލަވާލުމަކީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު އަދި އެންމެ މުހިންމު މަސައްކަތަށްވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.