ރަސްމާލެ މަޝްރޫއުގެ ތެރެއިން، ގެދޮރުވެރިކަން މިލްކު ކުރުމުގެ ފުރުސަތު އިޒްރޭލުގެ ރައްޔިތުންނަށް ނުލިބޭނެ ކަމަށާއި ލިޔެކިޔުންތައް އޮޅުވާލައިގެން އެފަދަ ކަމެއް ކުރި ކަމުގައިވީ ނަމަވެސް އެއްބަސްވުން ބާތިލުކުރާނެ ކަމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއަކީ ޔަހޫދީ އާބާދީއެއް ރާއްޖޭގައި އާބާދުކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރާތީ އެކަމަށް ރައްދު ދެއްވައި މިނިސްޓަރު މުއްތަލިބު ލިންކްޑްއިންގައި އިނގިރޭސި ބަހުން އާންމުކުރެއްވި ލިޔުމެއްގައި ރަސްމާލޭގައި ޔަހޫދީންގެ އާބާދީއެއް "އުފައްދާނެ" ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެކަން ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފަލަސްތީނާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް ހަމްދަރުދީއާއި ލޯތްބަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރާ އަނިޔާތަކާއި ގަތުރުއާންމުތަކަކީ ދިވެހިންނަށް ހިތްދަތިކަން ލިބޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، ޒިއުނިޒަމްގެ ފިކުރާއި ބިންވެރިކަމުގެ ސިޔާސަތުތައް ހިންގަނީ ހަނގުރާމައިގެ ބާރުން ހިފާފައިވާ ސަރަހައްދުތަކުގައި ކަމަށް ވިދާޅުވެފައެވެ.

"ބޭރު މީހުންނަށް ރާއްޖެއިން ގޯތިގެދޮރު ނުވަތަ ކުއްޔަށް ތަންތަން ދޫކުރުމަކުން އެފަދަ ބިންވެރިކަމެއް ގާއިމުކުރެވޭނެ ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ތެރެއިން މިލުވެރިކަމުގެ ޗޭނުގައި އިސްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އެފަދަ ފަރާތަކުން ކޮންޓްރޯލްކުރާ ކުންފުންޏަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"މައުލޫމާތު ފޮރުވައިގެން ނުވަތަ ދޮގު މައުލޫމާތުދީގެން މުއާމަލާތެއް ކޮށްފިނަމަ އެއްބަސްވުން ބާތިލުކޮށް، ދައުލަތަށް މުދާ ނަގާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ގައުމުގެ ސިޔާދަތާއި އަމިއްލަވަންތަކަން ހިމާޔަތްކުރަން އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ސަރުކާރަކުން، ރަސްމާލެ މަޝްރޫއުގައި އެފަދަ ކަންކަމަށް ޖާގަ ނުދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ވިއްކާ ނުވަތަ ކުއްޔަށްދޭ ޔުނިޓްތަކުގެ އަދަދަށް ވަކި ލިމިޓްތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި އެ މަޝްރޫއުގައި ދިވެހިންނަށް ފުރަތަމަ ފުރުސަތު ދިނުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ވަރުގަދަކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ބޭރުގެ އެހީތަކަށް ބަރޯސާވުން ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ.