ސާފް ސަރަހައްދުގައި މިހާރު ރާއްޖެއަށް ޗެލެންޖަކީ ހަމައެކަނި އިންޑިއާއޭ ބުނެވޭކަށް ނެތް ކަމަށާއި، އެއީ މުޅި ދުނިޔޭ ފުޓުބޯޅައަށްވެސް އަންނަމުންދާ ވާދަވެރި ބަދަލެއް ކަމަށް ތަޖުރިބާކާރު ކޯޗު އިސްތަވަން އުރުބާނީ ބުނެފިއެވެ.

މީގެ ކުރިން ދެ ފަހަރަށް ރާއްޖެއަށް ކޯޗުކަން ކޮށްދިން އުރުބާނީ، އަލުން އަނބުރާ ގައުމީ ޓީމަށް އައިސްފައި ވަނީ 13 ވަރަކަށް އަހަރުފަހުންނެވެ.

އުރުބާނީއާއެކު 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ރާއްޖެ ދަތުރު ކޮށްފައިވާ އިރު، ލަންކާގައި 2023 ވަނަ އަަހަރު ބޭއްވި 23 އަހަރުން ދަށުގެ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ މަހިންދަރާޖާ އިންޓަނޭޝަނަލް ކަޕްވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

އުރުބާނީ ސީނިއާ ޓީމާއެކު ފުރަތަމަ މެޗަށް ތައްޔާރުވަމުންދާ އިރު، މެޗު އޮންނާނީ މާދަމާ ގައުމީ ދަނޑުގައެވެ. އެއީ މާދަމާ މެންދުރުފަހު، 3:30 ގައެވެ. މެޗަކީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ގްރޫޕުގައި ރާއްޖޭން ކުޅޭ ފަހު މެޗެވެ. އެމެޗުގައި ރާއްޖެ ވާދަކުރާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އުރުބާނީ ވަނީ ރާއްޖޭގެ ފުޓުބޯޅަ ހާލަތާއި، މިހާރު އޮތް ހިސާބަށް ވާހަކަ ދައްކައިފައެވެ. އޭނާ ވަނީ ރާއްޖޭގެ ފެލިޓީތައް ކުރިއަރަމުންދާ ނުދާކަން ފާހަގަކޮށްފައެވެ. އެއާއެކު، ރާއްޖެއަށް ބަދަލު ގެނެސްގެންވެސް ވާދަކުރަން މަސައްކަތް ކުރަން ޖެހޭކަން އުރުބާނީ ފާހަގަކުރިއެވެ.

"ބައިނަލްއަގުވާމީ ފުޓުބޯޅަ މިދަނީ ވަރަށް ބޮޑަށް ވަރުގަދަވަމުން. ދުނިޔޭގެ އެކި ހިސާބުތަކުން ނެޗުރައިސްކޮށްގެން ކުޅުންތެރިން ހޯދުމުގެ ކަންކަން ކުރުމުގެ އިތުރުން އިންފްރާސްޓްރަކްޗާ ޑެވަލޮޕްކުރުންވެސް ވާދަވެރި. މި ރީޖަނަށް ބަލާއިރު އިންވެސްޓްމަންޓްތަކަށް ބަލާލަން ޖެހޭ. އަހަރެމެން އެބަޖެހޭ ކުރިއަރާނެ ގޮތެއް ހޯދަން،" އުރުބާނީ ބުންޏެވެ.

އުރުބާނީ ވަނީ އޭނާއަށް ހައިރާންކަން ގެނުވި ކަމެއް ފާހަގަކޮށްފައެވެ. އެގޮތުން ބައެއް އެކުވެރިންނާއި ކޯޗުންވެސް އޭނާ ގާތުގައި ބުނަނީ އިންޑިއާއަކީ ހަމައެކަނި ޗެލެންޖް ކަމަށާއި، އެހެން ބުންޏަސް އެއީ މިހާރު ހާލަތު ނޫން ކަމަށް ކޯޗު ފާހަގަކުރިއެވެ.

"އަހަރެން ގާތުގައި އަދިވެސް ރާއްޖޭގެ މީހުން، ކޯޗުންވެސް އެބަ ބުނޭ މި ސަރަހައްދުގައި އަދިވެސް ހަމައެކަނި ޗެލެންޖަކީ އިންޑިއާއޭ. އެކަމަކު އެއީ އެއް ނޫން އަހަންނަށް ފެންނަ މަންޒަރަކީ. އެއީ މިތަނުގައި އެކަނި ވާކަމެއް ނޫން. މިސާލަކަށް ކުރިއަށް އޮތް ވޯލްޑް ކަޕްގައިވެސް އެންމެ ގަދަ ހަތަރު ޓީމު ބުނާކަށް މިހާރަކު ނޭނގެ. މި ރީޖަންގައިވެސް އޮތީ އެހެން،" އުރުބާނީ ބުންޏެވެ.