ރައީސަކަށް ހޮވޭނެ މީހަކު ނޭނގި މަޖިލިސް މެންބަރު ހޮވުމަކީ އެންމެ މިނިވަން ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބަށް ކެމްޕޭނަށް ދާ ކެންޑިޑޭޓު އެއީ ރައީސް ނިސްބަތްވާ ޕާޓީއޭ ބުނާ ހިސާބުން އިންތިހާބުގެ ހަމަހަމަކަން ގެއްލޭ ކަމަށެވެ.

"ފްރީ އެންޑް ފެއާ އިލެކްޝަނެއް ބާއްވަން ބަލާއިރު މަޖިލިސް އިންތިހާބު އެންމެ ފްރީ އެންޑް ފެއާ އިލެކްޝަނެއްގެ ގޮތުގައި ހިނގާނީ ދެ އިންތިހާބު އެއް ދުވަހު ބާއްވައިގެންނޭ. އެހެން މިދަންނަވާ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވާ މީހާ އެއިރަކު ނޭނގޭ ހޮވިގެންދާނީ ކާކު ކަމެއް. އެހެން ނޫނީ ސަރުކާރު އޮންނަނީ ހޮވިފަ. ދެން ހަ މަސް ފަހުން ރައްޔިތުން ކައިރިއަށް ދާއިރު ކެންޑިޑޭޓު މިދަނީ ތިމަންނައަކީ ސަރުކާރު ޕާޓީއޭ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީއޭ އެހެންވީމަ އެހިސާބުން އެބަ ގެއްލޭ ފެއާނެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިނިވަން އަދި ހަމަހަމަ އިންތިހާބަކަށް އެންމެ ގާތްކުރުމަށް ލިބޭ ފުރުސަތަކީ އެ ހޮވޭ ސަރުކާރެއް ނޭނގޭ ހާލު ހަމަ އެ ދުވަހު މަޖިލީހަށްވެސް މެންބަރުން ހޮވުން ކަމަށެވެ.

" ދެން ހުންނާނީ އިދިކޮޅު ޕާޓީ، އެމީހުން އަތަކު ނޯންނާނެ އެހެން ބުނުމުގެ ފުރުސަތެއް. އެހެންވީމަ އެ ފްރީޑަމް އެ ފެއާނެސް އެ މަފްހޫމް އެއީ ވަރަށް މުހިންމު އެއްޗެއް ޑިމޮކްރަސީގަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ ތިން ދައުރުގައިވެސް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ވެރިކަން ކުރާ ޕާޓީއަށް ލިބިފައިވާ ކަމަށެވެ. އެއީ ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ދެ އިންތިހާބު އެއްކޮށްލުން މުހިންމު ވާ ސަބަބެއް ކަމަށެވެ.

"އެހެންވީމަ އެކަމެއްނެތި އިންތިހާބު ބޭއްވުނީމަ ވަރަށް އީވަންލީ ޑިސްޓްރިބިއުޓެޑް ގޮތަކަށް މަޖިލީހަށް މީހުން ހޮވޭނީ. ސުޕަމެޖޯރިޓީ އެހެން ނޫނީ ވަރަށް ބޮޑަށް ވަކި ޕާޓީއަކަށް މީހުން ގިނަވާގޮތަކަށް ނޫން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވޭނީވެސް ވީހާވެސް ގިނަ އަދަދެއްގެ ޕާޓީ މަޖިލީހުގައި އެކަށީގެންވާ ވަރަކަށް ތިބެގެން ކަމަށެވެ. އޭގެ އިތުރުން އެންމެ ގިނަ މީހުން ވޯޓުލާން ނުކުންނަ އިންތިހާބަކީ ރިޔާސީ އިންތިހާބަށްވާއިރު އެ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމުން އެ އިންތިހާބުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މިކަންކަން ރައްޔިތުން ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެއީ އަޅުގަނޑު ބޭނުންވަނީ މީނިންގްފުލް ރަނގަޅު އިސްލާހީ ބަދަލުތަކެއް ރާއްޖޭގެ ނިޒާމަށް ގެންނަން." ރައީސް ވިދާޅުވި އެވެ.