މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ވަކިކުރެވޭ ބިލް މިދައުރުގައި މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ދައުރުގެ ތެރޭގައި ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް މިހާރު ނޯންނަ ކަމަށެވެ.

"އެލްޖީއޭއިން ކައުންސިލްތަކަށާއި ކައުންސިލަރުންނަށްވެސް ފިޔަވަޅު އެޅޭ. އެހެންނަމަވެސް ވަކިކުރުމަކީ ހަމަ އެއްވެސް ގޮތަކަށް އޮންނަ ކަމެއް ނޫން. ސްޕްރީމް ކޯޓަށް ގޮސްގެން ފަހަރެއްގައި މެންބަރެއްގެ ގޮނޑި ގެއްލިދާނެ. އެ ނޫން ގޮތެއް ނޯވޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ ޑިމޮކްރެޓިކް ގޮތަކަށް ވާނީ ރައްޔިތުންނަށް މަޖިލިސް މެންބަރުން ވަކިކުރެވޭނެ ފުރުސަތު އޮތުން ކަމަށާއި އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޕްރެކްޓިސް ކުރާ ނިޒާމެއް ކަމަށެވެ. މި ދައުރުގެ ތެރޭގައި އެ ބިލް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އުންމީދުކުރަނީ މި ހިނގަމުން މިދާ ދައުރުގެ ތެރެއަށް އެ ދައުރު ނިމުމުގެ ކުރިން ހުށަހެޅޭނެ ކަމަށް. މަސައްކަތް މިކުރަނީ އެ ގޮތަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރުވެސް އެކަމުގެ ފަންނީ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"ރާއްޖޭގެ ކޮންޓެކްސްޓުގައި އަދި ދުނިޔޭގައި މިކަން ސަކްސެސްފުލީ ތަންފީޒުކޮށްފައި ހުރި ގައުމުތަކުގައި ރިކޯލް ވޯޓު ހުރި ގޮތް ބަލައިފައި. މިސާލަކަށް ކޮންސިޓިއެންސީގެ ކިތައް ޕަސަންޓުގެ ސޮއި ލިބިގެންތޯ ރައްޔިތުންގެ ޕެޓިޝަން ހުށަހެޅޭނީ. އެ ހުށަހަޅާ ހިސާބުން މަޖިލީހުގެ ކިހާ އަގުލަބިއްޔަތަކުންތޯ ފާސްކުރެވޭނީ. އަދި އެ ފާސްކުރަން މަޖިލީހުގެ އެ ދުވަހުގެ ހާޒިރީ ވާން ޖެހެނީ ކިތައް ޕަސެންޓުތޯ. މުޅި މަޖިލީހުގެ އަގުލަބިއްޔަތުތޯ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރެވޭނެ ގޮތްތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރަން ޖެހޭ ކަމަށެވެ.