މައިކްރޯބެކްޓީރިއާ ޓިއުބޯކިއުލޯސިސް (ޓީބީ) ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވުމުން ރާއްޖޭގައި އެ ބަލި ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއީ)އިން ބުނެފި އެވެ.

ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު، ރޭ ވިދާޅުވީ އަހަރަކަށްވުރެ އަހަރެއް ފާހަގަކުރެވެނީ، ޓީބީ ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު ރާއްޖޭގައި ކޮންމެވެސް ވަރަކަށް އިތުރުވަމުންދާ ކަމަށެވެ.

"މީގަ ހަމައެކަނި ދިވެހިންނެއް ނޫން. ރާއްޖެއަށް ބިދޭސީން އެތެރެވާތީ، އޭގެތެރެއިން އަންނަ ކޭސްތަކާވެސް އެއްކޮށް. ރިޕޯޓު ކުރާ އަދަދު އިތުރުވަމުންދޭ. ކޮންމެ އަހަރަކާ އަޅައިބަލާއިރު އަހަރުތަކެއްގެ ތެރެއިން ދިހަ ކޭސް، ފަސް ކޭސް އިތުރުވަމުންދޭ. ކޭސްތައް އިތުރުވުމުގަ ބައެއް ކަހަލަ ކަންތައްތައް ދިމާވޭ. މީހުން މިހާރު ކުރިއާ އަޅައިބަލާއިރު ދަތުރުފަތުރު ކުރުމުގެ ކަންތައްތައް އިތުރުވުން. ތަންތަނަށް ދިއުން އަދި ރާއްޖެ އެތެެރެވާ މީހުން ގިނަވުން. ވެކްސިން ޖެހުމުގައި މީހުންގެ މެދުގައި ނުތަނަވަސްކަމެއް، ވެކްސިން ޖެހުމާ މީހުން ދުރުވުމުން ފަދަ ކަންތައްތައް އިތުރުވަމުންދޭ." ހަމްޒަތު ވިދާޅުވިއެވެ.

ހަމްޒަތު ވިދާޅުވީ ޓީބީ ޖެހިގެން ރިޕޯޓުކުރާ މީހުންގެ ތެރޭގައި ދިވެހީން ކަމަށެވެ.

"މިދިޔަ އަހަރުގެ ޖުމުލަ ހިސާބުތަކަށް ބަލާއިރުގައި، ރާއްޖެއިން ފެނުނު ކޭސްތަކުގެ ގާތްގަނޑަކަށް 60 ޕަސެންޓު މީހުންނަކީ ދިވެހީންގެ ގޮތުގައި ފާހަގަކުރެވެނީ. އެއީ ގިނަވަމުންދާކަމުގެ އަލާމާތެއް." ހަމްޒަތު ވިދާޅުވިއެވެ.

ޓީބީ ޖެހިފައި ތިބޭ މީހުން ގިނައިން ފާހަގަކުރެވެނީ މާލެ ސަރަހައްދުންކަމަށާއި ނަމަވެސް އަތޮޅުތެރޭގައި އާބާދީ ބޮޑު ރަށްތަކުން ވެސް މި ބަލި ފެންނަ ކަމަށް ހަމްޒަތު ފާހަގަކުރެއްވިއެވެ.

މި ބައްޔަށް ފަރުވާކުރަނީ މާލެ ސަރަހައްދުގައި ނަމަ އައިޖީއެމްއެޗްގައި އެކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ ކްލިނިކްގައެވެ.

ރޭގެ ޕްރޮގްރާމްގައި އައިޖީއެމްއެޗް ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް ރެސްޕިރޭޓިން މެޑިސިންގެ ހެޑް ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ ރާއްޖެއަށް އަންނަ ބިދޭސީންގެ ފަރާތުން ޓީބީ ބަލި ހުރިކަން ފާހަގަވަނީ އެ މީހުން ރާއްޖެ އައުމަށްފަހު މެޑިކަލް ހައްދާއިރުގައި ކަމަށެވެ.

"ބަލި މީހުންނަށް ބަލާއިރުގައި ތަންކޮޅެއް ޒުވާނުން އިތުރުވާކަން ފާހަގަވެފައިވޭ. ޓޯޓަލް 200 ވަރަކަށް ކޭސް އާންމުކޮށް އަހަރެއްތެރޭ އުޅެނީ. 200 އާއި 190، އާއި 180 އާ ދޭތެރޭގައި. ނިސްބަތުން ބަލާއިރުގައި އެއީ ބޮޑު އަދަދެއް ނޫން. އެހެން ނަމަވެސް ޒުވާނުންގެ ތެރޭގައި އެބަލި އިތުރުވަމުންދާކަމަށް ވަނީ ނަމަ އެއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް." ޑރ. އިސްމާއީލް ވިދާޅުވިއެވެ.

ޑރ. އިތުރަށް ވިދާޅުވީ ޒުވާނުންގެ މެދުގައި މިބަލި ފެތުރެން ދިމާވާ ސަބަބުތަކެއްގެ ގޮތުގައި ފާހަގަވެފައިވަނީ އެ މީހުންގެ ދިރިއުޅުމުގެ ކަންކަން ކެފޭ ރެސްޓޯރަންޓްތަކުގައި ހޭދަކުރާ ވަގުތުތަކުގެތެރެއިން ކަމަށެވެ.

"އެއީ ސަބަބަކީ ބައެއް ފަހަރު، ޝޯޝަލް ލައިފް ހުންނަ ގޮތުން އެކަކު އަނެކަކު ގައިން، ބައެއް ފަހަރު ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ވަރަށް ފަސޭހައިން ފެތުރެމުންދާނެ. އެހެންވީމަ ޒުވާނުން ތެރޭ ފެތުރޭ ކަމަށް ވަންޏާމުން އެއީ ވަރަށް ބޮޑަށް ވިސްނާން ޖެހޭ ކަމެކޭ، ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކޭ، ފެތުރިގެން، ގިނަވެގެން ހިނގައިދާނެތީ." ޑރ. އިސްމާއީލް ވިދާޅުވިއެވެ.