ހަނގުރާމަ ފެށިފަހުން މަރުވި މީހުންގެ އަދަދު 3000 އިން މައްޗަށް އަރާފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މެދުއިރުމަތީގައި އިޒްރޭލާއި އެެެމެރިކާ އިސްވެ އޮވެ އިރާނަށް ހަމަލާދީ ފެށި ހަނގުރާމައިގެ ސަބަބުން މިހާތަނަށް އެކި ގައުމުތަކުން 3،242 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އަލްޖަޒީރާއިން އިއްޔެ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ހަނގުރާމައިގައި އިރާނުން އެކަނި 1،937 މީހުން މަރުވެ 24،800 އަށްވުރެ ގިނަ މީހުނަށް އެކިވަރުގެ އަނިޔާ ވެފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ލުބުނާނުންނެވެ. އެގައުމުން 1،116 މީހުން މަރުވަފައިވާއިރު 3،229 މީހުންނަށް އަނިޔާވެފައިވެއެވެ.

އިރާނަށް އިޒްރޭލާއި އެމެރިކާއިން ހަމަލާ ދިނުމާއެކު ރައްދުގައި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު އެ ގައުމުތަކުން ވަނީ ލިބޭ ގެއްލުން ކުޑަކުރުމަށް އެގައުމުތަކުގައި ހުންނަ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށް އިރާނުގެ ހަމަލާތައް ވައިގެ ތެރޭގައި ގޮއްވާލައިފައެވެ.

މެދުއިރުމަތީގެ ގައުމުތަކަށް އިރާނުން ދިން ހަމަލާތަކުގައި މިހާތަނަށް އިރާގުން 96 މީހަކު މަރުވެފައިވާއިރު ސީރިޔާއިން ހަތަރު މީހަކު މަރުވެފައިވެއެވެ. ކުވައިތުން ވެސް މިހާތަނަށް ހަ މީހަކު މަރުވެފައިވާއިރު ބަހްރެއިނުން ތިން މީހަކު މަރުވެފައިވެއެވެ.

އިރާނުން ދިން ހަމަލާތަކުގައި ޔޫއޭއީ އިން ވެސް 11 މީހަކު މަރުވެފައިވާ އިރު އޮމާނުން ތިން މީހަކު މަރުވެފައިވެއެވެ. އަދި ފަލަސްތީނުން ވެސް ހަތަރު މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނަށް އެންމެ ފުރަތަމަ ހަމަލާދިން އިޒްރޭލާއި އެމެރިކާއިން ވެސް ގިނަ ބަޔަކު މަރުވެފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް ދެގައުމުން ވެސް އަސްލު އަދަދު ހާމަކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލްޖަޒީރާގެ ރިޕޯޓުގައި ވާގޮތުން އިޒްރޭލުން މިހާތަނަށް 19 މީހަކު މަރުވެ 5،492 މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާއިރު އެމެރިކާއިން އަރަބި ބޭސްތަކުގައި ހަރަކާތްތެރިވާ ސިފައިންގެ ތެރެއިން 13 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.