ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ސަރުކާރުގެ ވަގުތު ބޭކާރު ނުވާނެ ކަމަށާއި، އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަލުވި މިނެއްގައި ފޯރުކޮށްދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލެ ފޭސް އެކެއްގައި ހަދާ 182 ފުލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ސަރުކާރެއް އިންތިހާބުކުރަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރަން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސިޔާސީ ހުރަސްތަކެއްގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ކުރަން ލިބޭ ވަގުތު ބޭކާރުވެގެން ދިޔުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި ސިޔާސީ ނަފުރަތުގައި ސަރުކާރާއި، މަޖިލިސް ޖެހި، އެއްވެސް ކަމެއް ނުވެދިޔުމަކީވެސް ރައްޔިތުން ބޭނުންވާގޮތެއް ނޫންކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ގާނޫނުއަސާސީ އޮތްގޮތުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ނުހޯދި ލަސްވެގެން ދިޔުމަކީވެސް ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. ރައްޔިތުން، ސަރުކާރުގެ ކިބައިން އެދެނީ ފުލެޓް ހެދުމަށާއި، ފެނާއި ނަރުދަމާގެ ނިޒާމު އަދި ބަނދަރު ގާއިމުކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކަމެއްނުވެ ސިޔާސީ ހަލަބޮލިކަމުގާ ވަގުތު ބޭކާރު ކުރުމަކީ ރައްޔިތުން އެދޭގޮތެއް ނޫން. ވެރިކަމުގެ ނިޒާމުގައިވާ ބައެއް ކަންކަން އިސްލާހުކުރުމަށް މުހިންމުވަނީ މި ދެންނެވި ސަބަބާ ހެދި. އާދެ، ރިޔާސީ އިންތިހާބާ، މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމުމަކީ ހަމައެކަނި އިދާރީކަމެއް ނޫން. އެއީ ރައްޔިތުންގެ އަގުލަބިއްޔަތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ހޮވާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ރަނގަޅަށް ނުފެށެނީސް އުމުރު ހަމަވާ މަޖިލީހަކުން ނިންމަވާ ނިންމުންތަކެއްގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ވަގުތު ބޭކާރުވެ ނުދިޔުމަށް ނިންމަވަންޖެހޭ މުހިންމުކަމެއް،" މުއްތަލިބު ވިދާޅުވިއެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު ކުރަން ބޭނުންވި ގިނަ ކަންތައް ނުކުރެވުނު ސަބަބަކީ ނިމިދިޔަ މަޖިލީހުން އެޖެންޑާއަށް ނުބަލައި، ފާސްކުރި ދައުލަތުގެ ބަޖެޓުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރު ވެރިކަން ކުރަން ޖެހުނީ ކުރީ ސަރުކާރުން ހެދި ބަޖެޓަކާ އެއްގޮތަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އެ ބަޖެޓަކީ ރައްޔިތުން އިންތިހާބުކުރި ސަރުކާރުގެ އެޖެންޑާއަށް ބެލުމެއްނެތި ފާސްކުރި ބަޖެޓެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަޖިލީހުން ބަޖެޓް ފާސްކުރީ އެއިރުގެ މެންބަރުންގެ އިންތިހާބަށް މަގުފަހިވާގޮތަށް ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.
"ނަތީޖާއަކީ ކަންކަން ލަސްވުން، ހިދުމަތްތަކަށް ބުރޫއެރުން، މީގެން ގެއްލުން ލިބުނީ ރައްޔިތުންނަށް. ގެއްލިގެންދާ ކޮންމެ ވަގުތަކީ ބޯހިޔާވަހިކަމެއް ނެތި ހާލުގައި އުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅިގެންދާކަމެއް. ހިދުމަތް ރަނގަޅުވުމަށް އެދޭ ރައްޔިތު މީހާއަށް ލިބިގެންދާ ނުތަނަވަސްކަމެއް. ބަދަލަށް އެދިއެދި ތިބި ރައްޔިތުންގެ އުންމީދުތަކަށް އެޅޭ ހުރަހެއް" މުއްތަލިބު ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް ގެންނަން މަސައްކަތްކުރާ ބަދަލަކީ ރައްޔިތުން އެދޭ ފަދަ ހިދުމަތްތަކެއް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މުހިންމު ބަދަލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރައްޔިތުން ވޯޓު ލައިގެން ހޮވާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު، ރައްޔިތުން ވޯޓު ދިންގޮތަށް، ރައްޔިތުންނަށް ޑެލިވާކޮށްދިނުމުގާ ހުންނަވަން ފުރުސަތު ލިބުމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް" މުއްތަލިބު ވިދާޅުވިއެވެ.
ރައްޔިތުން ވޯޓު ދެނީ އެ ރައްޔިތުންނަށް ކުރެވޭ އިތުބާރެއްގެ މައްޗަށްކަމަށް މުއްތަލިބު ވިދާޅުވިއެވެ. ރައްޔިތުން ވޯޓު ދެނީ ފެންނަން އޮތް ނަތީޖާއަށާއި، ހިދުމަތް ކުރުމުގެ ފެންވަރަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތުގެ ދަތިކަމާއެކުވެސް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާ ނަމަ، ނަތީޖާ ނެރެވޭނެކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެކަމުގެ މިސާލަކީ މިރޭ ބިންގާ އެޅިގެންދާ ފުލެޓުތައް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު