އެމެރިކާއާއި އިޒްރޭލް އިސްވެ އީރާނަށް ދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަަބަބުން ރާއްޖެއަށް އަންނަ ޝެޑިއުލްކޮށްފައިވާ 496 ފުލައިޓް ކެންސަލްވިކަމަށް ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާގެ ސަބަބުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައިގެ ސަބަބުން 1،150 ޓޫރިސްޓުންނަށް ދަށްވެފައިވާ ކަމަށެވެ.
އެހެންވެ ސަރުކާރުން މިވަގުތު އިސްކަމެއް ދީގެން ކުރަނީ ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާ އެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމަށް މަސައްކަތް ކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއާލައިންތަކާ އެކު މަޝްވަރާކޮށް ޕްރިކުއެންސީ ގިނަކޮށް، އެއާލައިންތައް އިތުރު ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރަމުން މި ދަނީ،" ތޯރިގު ވިދާޅުވިއެވެ.
އެގޮތުން އިތިއޯފިއަން އެއާލައިނާއެކު ސޮއިކޮށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ތޯރިގު ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމުގެ ސަބަބުން ރިސޯޓުތަކަށް ގެއްލުންވަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން ރިސޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން އިންޑިއާއާއި ޗައިނާގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ކެމްޕޭންތައް އިތުރުކޮށްފައިވާކަމަށް ތޯރިގު ވިދާޅުވިއެވެ.
"ޑެސްޓިނޭޝަން މާކެޓިން މަސައްކަތްތަކެއް މިދަނީ ކުރަމުން. އިންޑިއާ އާއި އާޝިއާން މާކެޓްތަކަށް އަމާޒުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ އިމްޕްރެޝަންސް ލިބޭނެ ގޮތަށް ޑިޖިޓަލް ކެމްޕެއިނެއް މިހަފްތާގައި ފެއްޓިގެންދާނެ. އަދި ވަކިން ހާއްސަކޮށް އިންޑިއާ އާއި އިންޑިއާގެ ވަކި ސްޓޭޓްތަކަށް އަމާޒްކޮށްގެން ޑިޖިޓަލް ކެމްޕެއިންތަކެއް ގެންދާނެ،" ތޯރިގު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް