ޕޮލިސް ސާޖަންޓް ކ. ކާށިދޫ/ ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވާ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ

ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމުގެ ކުށް ސާބިތުވެ، ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ. އެ މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުން އެ ހުކުމަށް ތާއީދު ކޮށްފައިވަނީ 30 ސެޕްޓެމްބަރު 2020 ގައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ މަރަން އިއްވި ހުކުމް ހައިކޯޓުން ވެސް ދަމަހައްޓާފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލައި، ސަމާހުގެ މައްޗަށް އާދަމް ހަލީމް މަރާލި ކަމުގެ ކުށް ސާބިތުވާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

ސަމާހަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ސާޖަންޓް އާދަމް ހަލީމް މަރާލާފައި ވަނީ ސަމާހު ގޭބަންދުކޮށްފައި ހުއްޓައި ރަށު ތެރޭގައި އުޅެނިކޮށް އޭނާ ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅެނިކޮށް ދިން ހަމަލާގައެވެ. އެވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ސަމާހު އޭރު ދަށު ކޯޓުގައި ބުނެ ކުށަށް އިއުތިރާފުވެސް ވިއެވެ.

ނަމަވެސް ފަހުން އެކަމަށް އިންކާރުކޮށް އޭނާ ބުނެފައިވަނީ ކުށަށް އިއުތިރާފުވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ. ދަށު ކޯޓުން އެއިރު ސަމާހު މަރަން ހުކުމްކުރީ އަމިއްލަ އިއުތިރާފަށް ރިއާޔަތްކޮށެވެ.