ރާއްޖޭގެ އެކިކަންކޮޅުތަކަށް އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަމުންގޮސް ބައެއް ހިސާބުތަކަށް 37 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި މަހާއި އަންނަ މަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ހޫނުމިން މަތިވާނެ އެވެ.

މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި މިއަދު ހެނދުނު 11 ޖެހިިއިރު:

  • ހަނިމާދޫގެ ހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.4 ޑިގްރީ ސެލްސިއަސްގައި
  • ހުޅުލެއަށް ހޫނުމިން ހުރީ 31.6 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.3 ޑިގްރީ ސެލްސިއަސްގައި
  • ކައްދޫއަށް ހޫނުމިން ހުރީ 31.8 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.1 ޑިގްރީ ސެލްސިއަސްގައި
  • ކާޑެއްދޫއަށް ހޫނުމިން ހުރީ 31.4 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.6 ޑިގްރީ ސެލްސިއަސްގައި
  • ގަމަށް ހޫނުމިން ހުރީ 31.4 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 34.5 ޑިގްރީ ސެލްސިއަސްގައި

ރާއްޖޭގެ އާންމު ހޫނުމިން މިދުވަސްވަރު ހުންނަނީ އެވްރެޖުކޮށް 32 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އިހުސާސް ކުރެވޭ ހޫނުމިން ހުންނާނީ އެވްރެޖުކޮށް 32 އާއި 45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ. އެއީ ސިއްހީ ގޮތުން "ސަމާލުވާން ޖެހޭ" މިންވަރެކެވެ.

ގަދަ ހޫނު ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

  • ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖަހަންދެން، އަވީގައި އުޅޭމިންވަރު މަދުކުރުން
  • ކުޑައަޅައިގެން ބޭރަށް ނުކުތުން
  • ކުލަމަޑު، ހަށިގަނޑު ނިވާވާ ފަދަ ދޫ ހެދުންލުން
  • ބޭރަށް ނުކުންނައިރު ބޮޑަށް ހިޔާވާކަހަލަ ފުޅާ ތޮފި ބޭނުންކުރުން
  • ގިނަވަގުތު އަވީގައި ހޭދަކުރާ ނަމަ، SPF-15އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުން ކުރުން
  • ގިނައިން ފެންބުއިން
  • ހަކުރު އަދި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރުން
  • ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނު ބޭނުންކުރުން