ގިރާވަރު ފަޅަކީ ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ފުން ފަޅު ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އެ މަސައްކަތް ކުރަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައެއް ވަޒީރުންނާއި މާލެ ދާއިރާގެ މަޖިލިސް މެންބަރުންނާއި އެމްއޭސީއެލްގެ އިސްވެރިންނާއެކު އިއްޔެގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ކުރާ ސައިޓަށް ވަޑައިގެން ބައްލަވައިލައްވައިފައެވެ.
ގިރާވަރުފަޅުގައި "އަސްލު ޓީވީ" އަށް ދެއްްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ އެ ފަޅުގެ ފުންމިނުގައި ގާތްގަނޑަކަށް 25 މީޓަރު ހުންނަ ކަމަށެވެ.
އެ ފަޅު ހިއްކަން އެމްއޭސީއެލް އިން ހަވާލުވިއިރު، އެ ފަޅުގެ ތިލަ ސަރަހައްދުން ހިއްކާފައިވަނީ 70 ހެކްޓަރު ކަމަށާއި އެމްއޭސީއެލުން 97 ހެކްޓަރުވަރު ހިއްކާނެ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.
"ގިރާވަރުފަޅަކީ ވަރަށް ފުން ފަޅެއް. އަޅުގަނޑުމެންނާ ހަވާލުވިއިރު ގާތްގަނޑަކަށް 69، 70 ވަރަކަށް ހެކްޓަރު ހިއްކާފަ އޮތީ އޭގެ ތިލަތަންތަން. މިތަނުގެ ފުންމިނުގައި އެބައުޅޭ 25 މީޓަރު. އޭގެ މާނަަކީ އެންމެ ފުންކޮށް ރާއްޖޭގައި ހިއްކާ އެއްތަނޭމީ." ޝަރީފް ވިދާޅުވިއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ އިތުރު ތަފްސީލު ދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިހާރު ފެނު އަޑިޔަށް 15 މީޓަރުން މައްޗަށް ވެލި އަޅާފައި ހުންނާނެ ކަމަށެވެ. އަދި ބާކީ ހުންނާނީ 10 ވަރަކަށް މީޓަރުގެ ވެލި އަޅާފައިކަމަށެވެ.
"އެމްއޭސީއެލުން 97 ވަރަކަށް ހެކްޓަރު ހިއްކާނެ. އޭގެ ތެރެއިން ވެލި އެޅި އަދަދަށް ބަލައިފިކަމަށް ވަންޏާ 55 ޕަސެންޓު ވަރު ހިކިފަ މިހުރީ. އެކަމަކު ފުންވީމަ އެ ފެންނަން ދުވަސް ނަގާނެ، ފެނު އަޑިޔަށް 3.5 މިލިޔަން ސީބީއެމްގެ ވެލި އެޅިފަ މިހުރީ، ބާކީ އުޅޭނީ 2.3 ސީބީއެމްގެ ވެލި އަޅަން. އެ އަޅާއިރަށް ފެނުން މައްޗަށް އަރައިގެން އަންނަތަން ފެނިވަޑައިގަންނަވާނެ. ކުރިޔަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި މިތަނުގެ ހިއްކުމުގެ ހުރިހާ މައްސައްކަތްތައް އަޅުގަނޑުމެން ނިންމާލާނަން." ޝަރީފް ވިދާޅުވިއެވެ.
ގިރާވަރުފަޅަށް ކުރި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ކޮންސްޓްރަކްޝަން އެެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.
އެގޮތުން ކުރިއަށްއޮތް ތިން ހަފުތާގެ ތެރޭގައި ބިން ހިއްކައި ނިމޭނެ ކަމަށާއި އެއަށްފަހު ގޯތި ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން 2،000 ގޯތި، މާލޭ ރައްޔިތުންނަށް ދޫކުރަން ނިންމިއެވެ. ނަމަވެސް އެތަނުން 2،000 ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް މި ސަރުކާރުން ހުޅުވާލިއެވެ.
ސަރުކާރުން ހުޅުވާލި އެ ފުރުސަތުގައި ގުޅިފަޅަށް ގޯތި ބަދަލުކޮށްދިނުމަށް 2،210 މީހަކު ވަނީ އެދިފައެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް