ރައްޔިތުންގެ ރިކޯލް ވޯޓަކުން ރައްޔިތުންގެ މަޖިލީހާއި ކައުންސިލު މެންބަރުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޒުވާނުންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ދެކޮޅު ހަދާ ފަރާތްތަކުން ގޮވާލަނީ ރިޔާސީ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިހާބު ބާއްވަން ކަމަށާއި ނަމަވެސް އޭރުން ވެސް ބާއްވަން ޖެހޭނީ ކައުންސިލު އިންތިހާބާއެކު ކަމަށެވެ. އަދި އެހެން ހަދައިފި ނަމަވެސް، އިންތިހާބުތައް ބޭއްވިގެންދާނީ ދެ ތާރީހެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވާހަކަދައްކާ ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭ ގޮތް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއީ މަޖިލީހުން ދައުރުގެ މެދުތެރޭގައި އިންތިހާބެއް ބާއްވައިގެން ކުރާ ކަމެއް ނޫން. ސާފުކޮށް އެ އޮތީ މަޖިލީހުގެ ދައުރު. އަޅުގަނޑު ހުށަހަޅާ ރިފޯމް އެޖެންޑާގެ ތެރޭގައި ހުށަހަޅަން އިތުރު ކަމެއް އެބައޮތް މީގެ ތެރޭގައި. މަޖިލިސް މެންބަރުންނާއި ކައުންސިލު މެންބަރުން އިލެކްޓްކުރާ މީހުން، މަޖިލީހާއި ކައުންސިލުގެ ދައުރުގެ ތެރޭގައި ގާނޫނެއްގެ މި ކަންކަން ކަނޑައަޅައިގެން ރިކޯލް ވޯޓު ނެގޭގޮތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގާނޫނުގައި ކަނޑައަޅާ ވަކި ކަންތައްތަކެއް ފުރިހަމަ ނުވެ، މަޖިލިސް މެންބަރުންނާއި ކައުންސިލު މެންބަރުންގެ ޕާފޯމަންސް ދަށްވެއްޖެ ނަމަ، ޕެޓިޝަން ހުށަހަޅައިގެން މަޖިލިސް ތެރޭގައި ވަކި އިންސައްތައެއްގެ ވޯޓު ހަމަކޮށްގެން، ރައްޔިތުންގެ ރިކޯލް ވޯޓަކަށް ގޮސްގެން އެ މެންބަރުން ވަކިކުރެވޭ ގޮތް އޭރުން ހެދިގެންދާނެ ކަމަށެވެ.
"ވޯޓު ހަމަކޮށްގެން އެ މީހަކު މަގާމުން ވަކިކުރެވޭނެ މަޖިލިސް މެންބަރުން ވެސް، ކައުންސިލު މެންބަރުން ވެސް. އެހެންވީމާ ދައުރު މެދުތެރެއިން މަޖިލިސް އިންތިހާބު ބާއްވަން ނުޖެހެއެއްނު. ހަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާފައި މަޖިލިސް މެންބަރުން ހޮވަންވީ. ހޮވާފައި ދައުރު ތެރޭގައި، ގާނޫނުގައި އެ ކަނޑައަޅާ ޝަރުތުތައް ނޫނީ އެކަމެއް އޭނާގެ ކިބައިން އުނިވީ، އެ ހިސާބުން ރައްޔިތުންނަށް އެބަ ފުރުސަތު ލިބޭ އޭނާ އެ ގޮނޑިން ބޭރުކުރަން ރިކޯލް ވޯޓު ނެގީމަ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވުމަށް ގަސްދުކުރައްވާ ކަމަށާއި އެހެންކަމުން އިދިކޮޅު ފަރާތްތަކުން އެ ދައްކާ ވާހަކަތަކުގައި އެއްވެސް ވަރެއްގެ ބާރެއް ނެތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު