އީރާންގެ ފިރިހެން ގައުމީ ޓީމުން ތުރުކީގައި ނައިޖީރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން އެގައުމުގައި ޝަހީދު ކޮށްލެވުނު ސްކޫލް ކުދިންތަކުގެ ހައްގުގައި އަޑު އުފުލައިފިއެވެ.

އިޒްރޭލާއި އެމެރިކާ އިސްވެ، އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިގެން، އެގައުމަށް ފުރަތަމަ ދުވަހުވެސް ހަމަލާތައް ދީފައިވެއެވެ. އެ ހަމަލާތަކަކީ ޔޫއެންގެ އުސޫލުތަކާވެސް ހިލާފަށް އާންމުން ދިރިއުޅޭ ތަންތަނަށްވެސް ގެއްލުންވާ ގޮތަށް ދީފައިވާ ހަމަލާތަކެކެވެ. އެގޮތުން އެމެރިކާއިން ދިން މިސައިލް ހަމަލާއެއް ޝަޖަރާ ތައްޔިބު ސްކޫލަށް އަމާޒުވެ، ޖުމުލަ 168 މީހުން ޝަހީދުވެފައިވެއެވެ. އަދި އޭގެ ތެރޭގައި 110 ކުދިން ހިމެނެއެވެ.

އެކަމުން ރެކި ގަންނަން އެމެރިކާއިން ބަޔާންވެސް ނެރެފައިވާ އިރު، އދ އިން އަންގާފައި ވަނީ އެ މައްސަލަ ތަހުގީގުކޮށް، ރިޕޯޓެއް އެކުލަވާލުމަށެވެ. އެކަމުގައި އަދިވެސް އެމެރިކާއިން ދަނީ ފަސް ޖެހެމުންނެވެ.

އީރާން ފުޓުބޯޅަ ޓީމުން ވޯލްޑް ކަޕަށް ނުދާން ނިންމި ނަމަވެސް، ފަރިތަކުރުންތައް ކުރިއަށް ގެންދާ އިރު، މިހާރު ކޭމްޕް ކޮށްގެން ތިބީ ތުރުކީގައެވެ. އީރާނުން މެޗު ކުޅެފައި ވަނީ ސަޕޯޓަރުން ނުވެއްދޭނެ ގޮތަށް އޮންނަ ދަނޑެއްގައެވެ. އެއީ ތުރުކީގެ ރިސޯޓެއްގައެވެ.

އެ މެޗުން އީރާން 2-1 އިން ބަލިވި އިރު، މެޗުގެ ކުރިން ކުޅުންތެރިން ތިބީ ކަޅު ބޭންޑްގައެވެ. އަދި އީރާން ޓީމުގެ ފަރާތުން ބުނީ ރިބަން އައްސާފައިވާ ސްކޫލް ދަބަސްތަކާއެކު ކުޅުންތެރިން ގައުމީ ސަލާމް ކިޔާފައި ވަނީ އެމެރިކާއިން ޝަހީދުކޮށްލި ކުދިންގެ ހައްގުގައި ކަމަށެވެ.