މަކަރާއި ހީލަތުގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މަކަރާއި ހީލަތް އަދި ޓެކުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސޮލައިމާން އާމިރު (24އ) އެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާއަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖް އެނާލިސިސް ފޮޓޯ ރިޕޯޓާއި، ސައިކަލް ޑެލިވަރީ ނޯޓް ފޮޓޯ އާއި މައްސަލަ ހުށަހެޅިކަމުގެ ލިޔުމާއި އޭނާ ފޮނުވާފައިވާ ފޭކް ސްލިޕްގެ ފޮޓޯއާއި އޭނާގެ ވައިބާ މުއާމަލާތުގެ ސްކްރީންޝޮޓްތައް ހިމެނެއެވެ.

ކޯޓު އަމުރުގައި ބުނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި ފިލައިފާނެ ކަމަށެވެ.