ރަނގަޅު މާހައުލެއް ނެތި، ޓީމެއް ބިނާކުރަން އުނދަގޫވާނެ ކަމަށާއި، މިހާރު އޮތް ޒުވާން ޓީމަށް ސާފް ރީޖަންގައި ނަތީޖާ ނެރެން އަދި ވަރަށް ގިނަ ކަންކަން ދަސްކުރަން ޖެހޭ ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ރާއްޖޭން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުގައިވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. ރާއްޖޭން ފުރަތަމަ މެޗުގައި ސްރީ ލަންކާ ކައިރިން ދެ ގޯލްގެ ލީޑެއް ގެއްލި، 3-2 އިން ބަލިވި އިރު، އެންމެފަހުން ބޫޓާން ކައިރިންވީ 0-0 އިން އެއްވަރެވެ.

ބޫޓާން މެޗަށްފަހު އުރުބާނީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އުންމީދުތައް މަތިކުރުމަކީ ގޯހެއް ކަމަށެވެ.

"ރާއްޖޭގެ މި ކުޅުންތެރިން އަދި މި ލެވެލްގެ މުބާރާތްތަކަށް ތައްޔާރެއް ނޫން. މި މުބާރާތް ނަގަން މި ކުރާ އުންމީދު އައީ ކިހާ ހިސާބަކުންތޯ ސުވާލުކުރަން ޖެހޭ. ކާކުތޯ މިހާ ބޮޑަށް އުންމީދުތައް މި މަތިކުރީ. އަހަންނަށް ދެއްކި ދާނެ މި ކުޅުންތެރިން މިދިޔަ މަސްތަކުގައި ކުޅެފައި ހުރި ވާދަވެރި މިނެޓްތައް. އެއީ ވަރަށް މަދު ވަގުތެއް. ދެން މި އުންމީދުތައް މަތިވަނީ އަންނަން އޮތް ރަން ޖީލެއްގެ ނަމުގައި. އެކަމަކު ހަގީގަތަކީ މި ހުނަރުވެ ކުޅުންތެރިންނަށް އަދި ވަރަށް ކަންކަން ދަސްކޮށްދޭން ޖެހޭކަން. ހުނަރު ހުރިޔަސް ވަރަށް މަސައްކަތް މި ކަމަށް ބޭނުންވާނެ. އުންމީދުތައް މަތިކުރަންވީ އެކަމަށް ތައްޔާރުވެ، ރަނގަޅު މާހައުލެއް ގާއިމުކުރެވިގެން އެކަނި،" އުރުބާނީ ބުންޏެވެ.

ކޯޗު ބުނީ ސިންގަޕޫރަށް ގޮސް ދެމެޗެއް ކުޅެލުމުން އެހިސާބުން އެއީ ޓީމު ފުރިހަމައަށް ތައްޔާރުވީ ނޫން ކަމަށާއި، އުންމީދުތައް މަތިކުރުމަކީ ގޯހެއް ކަމަށެވެ.

އުރުބާނީ ބުނީ ރާއްޖޭގައިވެސް ކުޅުންތެރިން ބިނާ ކުރުމަށް ސިސްޓަމެޓިކް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ރާއްޖެއާ ދެކޮޅަށް ކުޅުނު ބޫޓާނުން އެ އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށެވެ.

އޭގެ އިތުރުން ކޯޗު ފާހަގަކުރީ ރޯދަ މަސް ތެރޭގައި މުބާރާތަށް ތައްޔާރުވާން ޖެހުމުން އައި ޗެލެންޖްތައް ދަނޑުމަތިން ފެނުނު ކަމަށެވެ.

"ރޯދަ މަހު މުބާރާތަށް ތައްޔާރުވާން ޖެހުމުން، އެ ދިމާވި ކަންކަން މެޗު ތެރެއިން ފެނުނު. އަދިވެސް ކުޅުންތެރިންގެ ޝެޑިއުލަށް ބަދަލެއް ނާދޭ. ރޭގަނޑުގައި ނިދަން އެބަ އުނދަގޫވޭ. ހަ ހަފުތާ ވަރަށް މި އުޅުނީ ރޯދަ މަހުގެ ޝެޑިއުލަށް. އެހެންވީމަ ކުޅުންތެރިންނަށް ދުވަސް ބޭނުންވޭ އެ ޝެޑިއުލް ބަދަލުކުރަން. އެއީ ޗެލެންޖެއް. އޭގެ ސަބަބުން އަކުނިވަޔަށް ދެމުން ކަހަލަ ކަންކަން ފެނުނު،" އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ ދިވެހި ކުޅުންތެރިންނަށް ކުރިއަށް ގޮސް، ޕްރޮފެޝަނަލް ވާން މަގު ކޮށައިދޭން ޖެހޭ ކަމަށާއި، އެ ނޫން ގޮތަކަށް މިހާރު ސާފް މުބާރާތްތަކުގައިވެސް ކުރިއަށް ނުދެވޭނެ ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އަދި ކުރިއެރުންތަކުގެ ވާހަކަ ދައްކާކަށް. އަހަރެމެން އެބަޖެހޭ މި ކުޅުންތެރިން ކުރިއަރާނެ ގޮތްތަކެއް ތަނަވަސްކޮށްދޭން. ކުރިއެރުމަށް ޕްލޭންތައް ހެދެން ޖެހޭ. ޕްރޮފެޝަނަލް ކުޅުންތެރިންނަށް ހަދަން ޖެހޭ. މިއީ ޕްރޮފެޝަނަލް މުބާރާތްތައް، ސާފް މުބާރާތަކަސް މިއީ އުނދަގޫ މުބާރާތެއް. އެ ލެވެލްއަށް ކުޅުންތެރިން ބިނާކުރަން ޖެހޭ. ފިޒިކަލީ އެ ތައްޔާރުވާން ޖެހޭ ގޮތަށް ތައްޔާރުވެ، މެޗުތައްވެސް ކުޅެން ޖެހޭ،" އުރުބާނީ ބުންޏެވެ.

އުރުބާނީ އިތުރަށް ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް ޕްރެޝަރުގައި ކުޅެން ދަސްވާނީ އެ ހާލަތަށް ކުޅުންތެރިން ހާނަން ކުރަން ޖެހޭ މަސައްކަތް ކުރެވިގެން ކަމަށެވެ.

އޭގެ އިތުރުން ގައުމީ ޓީމުގެ ކޯޗުގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރު ކަމާވެސް ހަވާލުވެ ހުރި އުރުބާނީ ބުނީ އާ ކުޅުންތެރިން ހޯދަން ކުރާ މަސައްކަތުގައި ރަނގަޅު ކަންތައްތަކެއް ފެންނަ ކަމަށެވެ.

"ޒުވާން ޓީމުތަކަށް އޮންނަ މުބާރާތްތަކުގައި ވިސްނަން ޖެހޭ. މިސާލަކަށް މޮޅުވުމަކީ މުހިއްމު ކަމެއް، ޓްރޮފީ ހޯދުން އެއީ ކުރަން ޖެހޭވެސް ކަމެއް. އޭގެ އިތުރުން ދެން ކުރަން ޖެހޭ ކަމެއް ކުޅުންތެރިން ހޯދުން. މިއަދުގެ މެޗުގައި ފަހަތަށް ކުޅުނު ކުޅުންތެރިންގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނު. އަހަންނަށް އެބަ ފެނޭ އަންނަން އޮތް ޖީލަށް ރަނގަޅު ކަންތައްތަކެއް. މި ކުޅުންތެރިން ލައިގެން އެއްޗެއް ބިނާކުރަން ޖެހޭ،" ކުރިންވެސް ރާއްޖެއަށް ކޯޗުކޮށްދިން އުރުބާނީ ބުންޏެވެ.