އީރާނާ ދެކޮޅަށް އެމެރިކާއިން ފަށައިގެން ކުރިއަށް ގެންދާ ހަނގުރާމައިގެ ހަތަރުވަނަ ހަފުތާގެ ދުވަސްތައް ގުނެމުންދާއިރު މި ހަނގުރާމަޔާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިހާތަނަށް ތެދުބަހުން ވާހަކަ ދެއްކިބާވަައެވެ. ހިޔެއް ނުވެއެވެ. ހަދަނީ މުޅިންވެސް ދޮގެވެ. ދޮގުމައްޗަށް ދޮގެވެ. އޭނާ ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން ކަނޑައެޅިގެން ދޮގުކަން އެންމެނަށްވެސް ކަށަވަރުވާ އެއްވާހަކަޔަކީ އީރާނުން އޭނާއަށް ރޫހީ ލީޑަރުކަންދޭން ހުށައެޅިކަމުގެ ވާހަކައެވެ. ޓްރަމްޕު ބުންޏެވެ. އީރާނުން އެދުނެވެ. މަނިކުފާނު މި ގައުމުގެ ރޫހީ ލީޑަރުކަމާ ހަވާލުވެވަޑައިގަންނަވަންވީއެވެ. މިއަށްވުރެ އީރާނުގެ ރައްޔިތުން މިވަގުތު އެދޭ އެހެންކަމެއް ނެތެވެ. އަވަސްކުރައްވާށެވެ. ތިމަންނާ ބުނީމެވެ. އުނހު އުނހޫއެވެ. މަށެއް ތިޔަ ރޫހީ ލީޑަރުކަން ބޭނުމެއް ނޫނެވެ. ކަލޭމެން ކޮންމެވެސް އެހެން މީހަކު ހޯދާށެވެ. ޓްރަމްޕު އެބުނަނީ އީރާނުން ތަބަކަށް ލައިގެން ރޫހީ ލީޑަރުކަމުގެ މަގާމު ގެނައީމާ އޭނާ ގަބޫލުނުކޮށް ރައްދުކުރި ވާހަކައެވެ.
ކުޑަކޮށް ވިސްނައިލަމާ ހިނގާށެވެ. އީރާނުގެ ސްޕްރީމް ލީޑަރު ނުވަތަ ރޫހީ ލީޑަރަކީ އެގައުމުގެ އެންމެމަތީ ވެރިޔާއެވެ. އެއީ ހަމައެކަނި ސިޔާސީ މަގާމެއް ނޫނެވެ. އެއީ ދީނީވެސް މަގާމެކެވެ. ދީނީ ކަންކަމުގެ އެންމެއިސް ލީޑަރަކީވެސް ރޫހީ ލީޑަރެވެ. އަލީ ޚާމަނާއީ ޝަހީދުވުމުން ހުސްވި މި މަގާމު ފުރަން ޓްރަމްޕު ނޫން އެހެން މީހަކު އީރާނަށް ނުފެނުނީ ބާވައެވެ. އީރާނުގެ 93 މިލިޔަން ރައްޔިތުންގެ ތެރެއިންނެވެ. އީރާނުގެ ގާނޫނުއަސާސީގައި ރޫހީ ލީޑަރުކަމަށް އައްޔަންކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުރުން ކޮންމެހެން ލާޒިމު ސިފަތައް ބަޔާންކުރެވިފައިވެއެވެ. އެންމެ ފުރަތަމަ ސިފަޔަކީ ދީންވެރި ދަންނަބޭކަލަކަށް ވުމެވެ. ޝީއީ މުސްލިމުންގެ ތެރެއިންނެވެ. އެމީހަކީ އިސްލާމީ ޝަރީއަތަށް އެންމެ ފުރިހަމަޔަށް އަހުލުވެރިވެގެން ހުރި މީހަކަށްވާން ޖެހެއެވެ. އެކިކަންކަމުގައި ދީނީ ފަތުވާ ނެރުމުގެ އިލްމާއި ހިލްމާއި ކެރުން ހުރި މީހަކަަށްވާން ޖެހެއެވެ. އީރާނުގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ސިފައެއް ޑޮނަލްޑް ޓްރަމްޕުގެ ކިބައިގައިވޭ ބާވައެވެ.
އޭނާއަކީ އީރާނު މީހެއްވެސް ނޫނެވެ. އެއްކައުވަންތަކަން ގަބޫލުކުރާ މުސްލިމެއްވެސް ނޫނެވެ. ހަރުބީ ކާފަރެކެވެ. ދިވެހިބަހުގައި ހަރުބީ ކާފަރުންނަކީ މުސްލިމުންނާ އަދާވާތްތެރި ކާފަރުންނެވެ. މުސްލިމުންނާ ހަނގުރާމަކުރާ ކާފަރުންނެވެ. ޓްރަމްޕަކީ އޭގެ މީހެކެވެ. އެހެންވީމާ ރޫހީ ލީޑަރުކަން ކުރާނެ މީހަކުނެތި އީރާނުގެ އެންމެހައި ފިރިހެނުން ހުސްވިޔަސް އެ ދައުވަތު ޓްރަމްޕާ ހަމަޔަށް އަންނާނެ އެއްވެސް ގޮތެއް ނެތެވެ. ރޫހީ ލީޑަރަކު އައްޔަން ކުރުމުގެ ބާރު އޮންނަނީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީއަކަށެވެ. ހައްތާވެސް ދަންނަ ބޭކަލުންނެވެ. ޓްރަމްޕަށް ރޫހީ ލީޑަރުކަންދޭން އުޅެން އެ އެންމެންގެ ބުއްދި ފިލައިދިޔައީ ބާވައެވެ. ނޫނެކެވެ. ޓްރަމްޕު އެހެރީ ވަރަށްބޮޑު ޣާފިލް ކަމެއްގެ ތެރޭގައެވެ. ފަލަސްތީނުގެ ގާޒާ ހިންގަން މީނާގެ ދަނބިކޮއި ޖަރެޑް ކުޝްނާރ އާއި މީނާގެ މިތުރު ނަތަންޔާހޫ ހިމެނޭހެން ބޯޑެއް އެކުލަވާލައި އެ ބޯޑުގައި ދެންތިބޭނީ ތިމަންނާ ބޭނުން ބައެކޭ ބުނީވެސް ޓްރަމްޕެވެ.
މި ބޯޑަށް އައްޔަން ކުރާނީ މަދުވެގެން ފަސްސަތޭކަ މިލިޔަން ޑޮލަރުގެ ޗަންދާއެއް ދެވޭހައި ތަނަވަސްކަންހުރި މަހުޖަނުންނޭ ބުނީވެސް ހަމަ ޓްރަމްޕެވެ. ބޯޑުގެ ޗެއަރމަނަކީ ތިމަންނާއޭ އެހެންވީމާ ގާޒާގެ ރައީސް ނުވަތަ ފަލަސްތީނުގެ ރައީސަކީވެސް މިހާރު ތިމަންނާއޭ ބުނީ ޓްރަމްޕެވެ. ގާޒާގެ ބޯޑެއް އެކުލަވާލައި އެ ބޯޑުގެ ރައީސަކީ މީނާ ކަމަށް އަމިއްލަޔަށް ނިންމި ގޮތަށް އީރާނުގެ ރޫހީ ލީޑަރުކަމަށް އެންމެ އެކަށޭނަ މީހަކީވެސް މީނާ ކަމަށް ހިތަށްއެރީ ނުވަތަ އަރަނީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް އޭނާ ބުނި އެއްޗެއް އެއޮތީ ބުނެފައެވެ. އެންމެނަށްވެސް ސާފުވާހައި ފާޅުކަންބޮޑު ދޮގެކެވެ. އެހެންވީމާ ޓްރަމްޕުގެ ދުލުން ތެދެެއް ބޭރުވެދާނޭ ކަމަށް ހީކޮށްގެންވެސް ނުވާނެއެވެ. އެކަމަކު އޭނާޔަކީ ދުނިޔޭގެ އެންމެ ބާރުގަދަ، އެންމެ މުއްސަނދި ގައުމުގެ ރައީސްކަމަށްވީމާ އޭނާ ދައްކާ ވާހަކަ ވާހަކަ ސުރުޚީތަކަށް އަރާނޭތާއެވެ. އެންމެންވެސް އެވާހަކަ ދައްކާނޭތާއެވެ. ދޮގެއްކަން އެނގުނަސްމެއެވެ.
ޓްރަމްޕުގެ ދޮގުތަކުގެ ތެރެއިން ދެން އެންމެ ފާހަގަކުރެވޭ އަނެއް ދޮގަކީ އެމެރިކާޔާއެކު ސުލްހަވާން އީރާނުން އެދި އާދޭސްކުރާ ވާހަކައެވެ. އެވަރަށް އީރާނުން މިކަމަށް އެދުނީމާ އެމެރިކާވެސް ސަހަރޯ ހީވެގެން މަޝްވަރާތަކެއް ފަށައިގެން ކުރިއަަށް ގެންދާ ވާހަކައެވެ. މި މަޝްވަރާތަކުގައި އެމެރިކާގެ މައިގަޑު ފަނަރަ ކަމަކަށް އީރާނުން އެއްބަސްވެފައިވާ ކަމުގައެވެ. މަޝްވަރާތައް ކުރެވެނީ އީރާނުގެ ވަރަށް އިތުބާރު ގަދަރުވެރި ލީޑަރަކާއެކުގައި ކަމަށެވެ. މިހިރީ މަޝްވަރާއޭ ކިޔައިގެން ޓްރަމްޕު ހަދާފައިވާ ދޮގުތަކެވެ. އީރާނުން ދެނަހުރި ކަމެއްވެސް ނޫނެވެ. އެބުނާ ފަނަރަ ނުގުތާއަކީ އެމެރިކާއިން އަމިއްލައަަށް ތައްޔާރުކޮށްގެން ޕާކިސްތާނު މެދުވެރިކޮށް އީރާނަަށް ފޮނުވި ކަރުދާހެއްގައިވާ ފަނަރަ ކަމެކެވެ. މިއިން ކަމަކަށް އީރާނު އެއްބަސްވީއެއް ނޫނެވެ. ވާނެކަމެއްވެސް ނޫނެވެ. އީރާނުން އަޑަށް ބާރުލައިފައި އެބުނަނީ ތިޔަ ޝަރުތުތަކާ ތިމަންނާމެން ނުރުހެމޭ އެވެ. މި ހަނގުރާމަ ނިމޭނީ ތިމަންނާމެން ބޭނުންވާ ގޮތަކަށް ކަމުގައެވެ.
އީރާނުގެ ވަރަށް އިތުބާރު ގަދަރުވެރި ލީޑަރަކާއެކު މަޝްވަރާ އެބަކުރަމޭ ޓްރަމްޕު ބުނީ އެއްފަހަރަކު ނޫނެވެ. ކިތަންމެ ފަހަރަކު ބުނެފިއެވެ. އެބުނާ ލީޑަރަކީ ކާކުކަމެެއް ނޭނގެެއެވެ. ހަމަކަށަވަރުންވެސް އީރާނުގެ ޒައާމަތުގައި ހިމެނޭ ޓީމުގެ ތެރެއިން ބޭފުޅެއް ނޫނެވެ. އެއިން ބޭފުޅަކު ނުފެންނަކަމަށާއި އުޅުއްވަނީ ހޮރުހޮރުގައި ފިއްލަވަައިގެން ކަމަށް ޓްރަމްޕުވެސް އެބަބުނެއެެވެ. އޭނާ އެބުނާ އިތުބާރު ލީޑަރަކީ ގަބޫލު ކުރެވޭ ގޮތުން އޭނާގެ ސިކުނޑީގައި ކުރެހިފައިވާ ޚިޔާލީ ލީޑަރެކެވެ. އަސްލު ލީޑަރެެއް ނޫނެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ރިޒާ ޕަހެލަވީ ކަމަށްވެސް ވެދާނެއެވެ. މި ރިޒާއަކީ އީރާނުގެ ކުރީގެ ރަސްގެފާނުގެ ދޮށީ ދަރިއެވެ. ދިރިއުޅެނީ ފްރާންސްގައެވެ. އެމެރިކާގެ ހަނގުރާމަޔަށް އޭނާ ތާއީދު ކުރެއެވެ. ހަނގުރާމަ ދަމަހައްޓަންވެސް ބާރުއަޅައެވެ. މި ރިޒާއަކީ އެމެރިކާއަށް އެހާ ރުހެވޭ މީހެެއް ނޫންކަމަށް ޚުދު ޓްރަމްޕުވެސް ބުނެފައިވެއެވެ. އޭނާއަކީ އީރާނުގެ ރައްޔިތުން ބަލައިގަންނަ މީހެެއް ނޫނެވެ. ވީމާ އެއީ ރިޒާއެއްވެސް ނޫނެވެ. ޚިޔާލީ މީހެކެވެ.
އިމާދު ލަތީފު
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް