މިއަންނަ އެޕްރީލް މަހުގެ ދެވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސަރުކާރު ޓެކްސީ ލައިނުގައި ހިމެނޭ 150 ކާރުގެ ތެރެއިން ފަސް ކާރެއް ވިލިމާލޭގައި ދަތުރުކުރާނެކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނުގައި ހިމެނެނީ އިލެކްޓްރިކް ކާރުތަކެއް ކަމަށްވުމުން އެ ކާރުތަކަކީ ވިލިމާލޭގެ މާހައުލާ ގުޅޭނެ ކާރުތަކެއް ކަމަށެވެ.

"ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށޭއިރުގައި މިރަށުގައިވެސް އޭގެ ފަސް ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ހިދުމަތް ދެވިގެންދާނެކަން. މިއީ އިލެކްޓްރިކް ޓެކްސީތަކަކަށްވާތީ މިރަށުގެ މާހައުލާއި މިރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މިރަށުގެ ތަރައްގީއަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމެއްކަމީ ޝައްކެއް އޮތް ކަމެއް ނޫން" މުއްތަލިބު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.

އެމްޓީސީސީން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާ އިލެކްޓްރިކް ކާރުތަކުގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ އައިސްފައިވާ ކަމަށެވެ. އެމްޓީސީސީން ބުނެފައިވަނީ އެ ޝިޕްމެންޓުގައި ހިމެނެނީ 60 ކާރު ކަމަށާއި، އެއީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެއް ކަމަށާއި، ކާރުގެ މޮޑެލްއަކީ އެސް، ސުމެއް، ފަހެއް ކަމަށެވެ.

ކާރުގެ ދެވަނަ ޝިޕްމެންޓް ރާއްޖެ އަންނާނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށާއި، ދެވަނަ ޝިޕްމެންޓުގައި ހިމެނެނީ 90 ކާރުކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެއީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެއް ކަމަށާއި، ކާރުގެ މޮޑެލްއަކީ ލުމިން އަދި އެސް، ސުމެއް، ހަތެއްކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

"ހުރިހާ ކާރުތަކެއް ރާއްޖެ އައުމާއެކު ޖުމްލަ 150 ކާރައިއެކު ފުލް ސްކޭލްގައި ހިދުމަތް ފެށިގެންދާނެ، މާލެ ޓެކްސީ ލައިން ތައާރަފުކޮށް ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 02 އެޕްރީލް 2026" އެމްޓީސީސީން ބުނެފައިވެއެވެ.

ޓެކްސީ ހިދުމަތުގައި ޕާޓްޓައިމް ޑްރައިވަރުންވެސް މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ޑްރައިވަރުން ތިބޭނީ ވެސްޓް ލައިގެންކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ޓެކްސީ ހިދުމަތް ފޯރުކޮށްދޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށެވެ.